ބްރެޒިލްގެ ރައީސް މިޝޭލް ޓީމާގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އެގައުމުގެ އިސް ޕްރޮސިކިއުޓަރ އުފުއްލަވައިފިއެވެ.
ޓީމާގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ އެއްގަމު މަސް ބަންދުކުރާ ފާމެއްގެ ވެރިޔާގެ އަތުން ފައިސާ ނެގިކަމަށެވެ.
މިމައްސަލައިގައި ޓީމާ ވިދާޅުވެފައވަނީ އެމަނިކުފާނު ގޯހުން އެއްވެސް ކަމެއްނުކުރައްވާކަމަށެވެ.
މި ދައުވާތަކަކީ ގާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް ފޮނުވޭނެ މައްސަލައެއްތޯ ކަނޑައެޅުމަށް، މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަތްޕުޅަށް ފޮނުވާފައެވެ. ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، ޓީމާގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނީ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިންނެވެ.
ޓީމާވަނީ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދެއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.
މިދިއަ އަހަރު މަގާމާ ހަވާލުވެ ވަޑައިގެންނެވީއްސުރެ ޓީމާގެ މައްޗަށް ހުއްޓުމެއްނެތި ދިޔައީ ތުހުމަތުތައް ކުރެވެމުންނެވެ. ނަމަވެސް ރަސްމީކޮށް ދައުވާއެއް އުފުލުނު މިއީ ފުރަތަމަ ފަހަރެވެ.
ރައީސް ޓީމާގެ މައްޗަށް މި ދައުވާ އައިސްފައި މިވަނީ އެއްގަމު މަސް ބަންދުކުރާ ފެކްޓަރީއެއްކަމަށްވާ ޖޭބީއެސްގެ ޗެއާމަން ބަޓިސްޓާއާއިއެކު ރިޝްވަތުނެންގެވުމުގެ ވާހަކަތަކެއް ދައްކަވާ އޯޑިއޯއެއް އާއްމުވުމަށްފަހުއެވެ.
މުރާސިލުން ލަފާކުރާގޮތުގައި ރައީސް ޓީމާގެ މައްޗަށް ކުރިއަށް އޮތް ހަފްތާތަކުގައި އިތުރު ދައުވާތައް އުފުލާނެކަމަށް ބެލެވެއެވެ.
ޓީމާގެ މަގުބޫލުކަން އިންތިހާއަށް ކުޑަ ނަމަވެސް އެމަނިކުފާނު ގެންދަވަނީ ސެންޓަރ ރައިޓް ޕާޓީއާ ގުޅިފައިވާ އިއްތިހާދުގެ ތެރެއިން ސަރުކާރު ހިންގަވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ގެންދަނީ ޓީމާ މަގާމުން ދުރުކޮށް އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލަމުންނެވެ.