އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް މިއަހަރުގެ ފީފާ ވޯލްޑް ކަޕް މުބާރާތް ހައްގު ކަމަށް ބްރެޒިލްގެ ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.
ރިވާލްޑޯ މިހެން ބުނީ އާޖެންޓީނާއާއެކު މެސީ މިއަހަރުގެ މުބާާރާތުގެ ފައިނަލުން ޖާގަ ހޯދުމާއެކު، އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ. ރިވާލްޑޯ ބުނީ މިއަހަރުގެ މުބާރާތުގައި ބްރެޒިލްގެ ނޭމާ ޖޫނިއާ އިތުރަށް ނެތް ކަމަށެވެ. އެހެންކަމުން އޭނާ ސަޕޯޓުކުރާނީ އާޖެންޓީނާއަށް ކަން ފާހަގަކުރަމުން ރިވާލްޑޯ ބުނީ، މެސީ ދައްކަމުން އަންނަ ކުޅުން ދުލުން ބުނެނުލެވޭނެ ކަމަށެވެ. އޭނާ ބުނީ މެސީ އަށް ދުނިޔޭގެ ޗެމްޕިއަނަކަށް ވުމަކީ ހައްގު ކަމެއް ކަމަށެވެ.
ރިވާލްޑޯ ބުނީ މެސީ ދައްކާފައި މޮޅު ކުޅުމާއި ހުނަރަށްޓަކައި ވެސް މުބާރާތުގެ ތަށި އޭނާ އަށް ހައްގު ކަމަށެވެ. އަދި މެސީ އަށް އެންމެ ފުރިހަމަ އަށް އިހުތިރާމު ކުރާ ކަމަށާއި، ފައިނަލްގައި މެސީ އަށް ކާމިޔާބަށް ވެސް އެދޭ ކަމަށެވެ. މީގެ އިތުރުން ޤަތަރުގެ ދޯހާގައި ހުރެ މީޑިއާއަކަށް ދިން އިންޓަވިޔުއެއްގައި ރިވާލްޑޯ ބުނީ މެސީ ދައްކަމުން އަންނަ ހުނަރުގެ ސަބަބުން އޭނާ މުޅިން ކޮސްވާ ކަމަށެވެ.
މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މިއީ މެސީ އާޖެންޓީނާއާއެކު ވޯލްޑް ކަޕްގެ ފައިނަލަަށް ނުކުންނަ ދެ ވަނަ ފަހަރެވެ. މީގެ ކުރިން މެސީ ވަނީ 2014 ވަނަ އަަހަރުގެ ފައިނަލްގައި ވެސް ކުޅެފައެވެ. އެއަހަރުގެ މުބާރާތުގައި އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ. މިއަހަރުގެ މުބާރާތުގައި މެސީ ވަނީ މިހާތަނަށް ފަސް ލަނޑު ޖަހާފައެވެ.