ރާއްޖެ އަކީ ވިޔަފާރި އަށް ހުޅުވާލެފިއިވާ ޤައުމެއް ކަަމަށާއި ރާއްޖެ އަކީ ބޭރުގެ އިންވެސްޓްމަންޓް ތަކަށް ފަހި ޤައުމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވީ ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، "ބެލްޓް އެންޑް ރޯޑް" މަޝްރޫއު އާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޒަމާނާއި އެއްގޮތަށް ޑިޖިޓަލައިޒް ކުރެވިފައިވާ ޚިދުމަތްތަކަކަށް ހެދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންވެސްޓަރުންނަށް ފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުންދާ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. މެރިކަލްޗަރ އާއި، ސިއްހީ، ތައުލީމީ، ސިނާއީ އަދި އެ ނޫނަސް އެހެން ދާއިރާ ތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ގައުމުތަކާއި ގާތުން މަސައްކަތްކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފޯރަމް ގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވީ ރާއްޖެ އާއި ގުޅިގެން "ބެލްޓް އެންޑް ރޯޑް" މަޝްރޫއުގެ ދަށުން ރާއްޖެ އަށް އާ ކުރިއެރުންތައް ހޯދާދޭން ޗައިނާ އިން ތައްޔާރަށް އޮތް ކަމަށެވެ. އަދި ޗައިނާ އިން ރާއްޖެ އަށް އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދާދޭން ބޭނުންވާ ކަަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ތަފާތު އެކި ދާއިރާތަކުން ރާއްޖެ އަށް ޗައިނާގެ ކުންފުނިތަކުން އިންވެސްޓް ކުރުމަށް ޗައިނާ އިން ބާރު އަޅާކަމަށް ސަފީރު ވިދާޅުވިއެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ތަރައްޤީ ވަމުން އަންނަ އެކި ޤައުމުތަކުގެ އުމްރާނީ ތަރައްޤީއަށް އެ ގައުމުން ދަނީ އެހީވަމުންނެވެ. 2013 ވަނަ އަހަރު ޗައިނާ އިން އިފްތިތާހުކުރި މި މަޝްރޫޢުގެ ދަށުން އިޤްތިޞާދީ ޕްރޮޖެކްޓްތައް ހިންގުމަށް ލޯނު ހޯދައި ދިނުމާއި މާލީ އިދާރާތަކުގެ އެހީތެރިކަން ފޯރުކޮށްދިނުން އަދި ފަންނީ ލަފާދިނުން ހިމެނެއެވެ.އަދި އޭޝިއާ އާއި ޔޫރަޕް އަދި އެފްރިކާ ބައްރުގެ ގައުމުތަކުން މި މަޝްރޫޢުގައި ބައިވެރިވެއެވެ.