ކ. މާލެ
|
14 ޑިސެންބަރ 2022 | ބުދަ 20:10
އަހްމަދިއްޔާ ސްކޫލާއި ކެޔޮދޫ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން
އަހްމަދިއްޔާ ސްކޫލާއި ކެޔޮދޫ ސްކޫލް ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް
އަހްމަދިއްޔާ ބަލިކޮށް ކެޔޮދޫ ސްކޫލް އެއްވަނައިގައި ހަމަޖެހިލައިފި
 
ތާވަލުގެ އެއްވަނައިގައި ކެޔޮދޫ ސްކޫލް އޮތީ ހަތް ޕޮއިންޓު ހޯދައިގެން
 
އަހްމަދިއްޔާ އާއި ބައްދަލުކުރި މެޗު ކެޔޮދޫ ސްކޫލުން ކާމިޔާބުކުރީ 4-2ން

އެފްއޭއެމް 19 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ބަލިކޮށް، ކެޔޮދޫ ސްކޫލުން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ބުދަ ދުވަހުގެ ހަވީރު އަހްމަދިއްޔާ އާއި ބައްދަލުކުރި މެޗު ކެޔޮދޫ ސްކޫލުން ކާމިޔާބުކުރީ 4-2ންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއް ޖަހާ އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކެޔޮދޫ ސްކޫލަށް ލީޑު ނަގައިދިނީ އަހްމަދު މާހިލް އިބްރާހިމެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އަހްމަދިއްޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރަޒާން އިބްރާހިމް މުހައްމަދެވެ.

މެޗުގެ 55 ވަނަ މިނެޓުގައި އަހްމަދިއްޔާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ނަވާފް ސައީދެވެ. ނަމަވެސް އޭގެ ފަހުން ކެޔޮދޫ ސްކޫލުން ވަނީ ފަހަތުންއަރާ ތިން ލަނޑުޖަހާ މެޗުން މޮޅުވެފައެވެ. ކެޔޮދޫ ސްކޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ އިޔާދު އަރުޝަދު ޖަލީލެވެ. ދެވަނަ ފަހަރަށްވެސް ލީޑު ނަގައިދިނީ ފުރަތަމަ ލަނޑު ޖެހި މާހިލްއެވެ. ކެޔޮދޫ ސްކޫލްގެ ފަހު ލަނޑު އެޓީމަށް ޖަހައިދިނީ ޝާއިގް އާދަމް މުހައްމަދެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ކެޔޮދޫ ސްކޫލް އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. އެޓީމު ވަނީ ދެމެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފައެވެ. ދެވަނައިގައި އޮތް އަހްމަދިއްޔާ ސްކޫލަށް ދެމެޗުން ލިބެނީ ތިން ޕޮއިންޓެވެ. ތިން ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލެވެ. އަހްމަދިއްޔާއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ޕޮއިންޓަކާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ. ތާވަލުގެ ފުލުގައި އޮތް އަރަބިއްޔާ ސްކޫލަށް ޕޮއިންޓެއް ނުލިބެއެވެ.

ފަސް ޓިމު ވާދަކުރާ މި މުބާރާތް ކުރިއަށް ދަނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލްގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާނީ ލީގު ބުރު ނިމޭއިރު ދެވަނަ އަދި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ކުޅޭ ސެމީ ފައިނަލުންނެވެ. ހުރިހާ މެޗެއްވެސް ކުރިއަށްދަނީ އެފްއޭއެމްގެ އެއްނަންބަރު ޓާފުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް