ކ. މާލެ
|
14 ޑިސެންބަރ 2022 | ބުދަ 12:22
ޖަނާ ޒަކަރްނެހް
ޖަނާ ޒަކަރްނެހް
ސީ.އެން.އެން
ފަލަސްތީނު - އިސްރާއީލް މަޝްރަހު
16 އަހަރުގެ ޖަނާ ގަޔަށް ބަޑިޖެހުނީ އޮޅުމަކުން: އިސްރާއީލުގެ އަސްކަރިއްޔާ
ޖަނާ ގަޔަށް ބަޑި ޖަހާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އެއްބަސްވެފަ
އޭނާގެ ކަރަށާއި މޫނާއި ކޮނޑަށް ވަނީ ވަޒަން އަރާފަ

ފަލަސްތީނަށް ނިސްބަތްވާ 16 އަހަރުގެ ކުޑަ އަންހެން ކުއްޖެއްކަމަށްވާ ޖަނާ ޒަކަރްނެހްގެ ގަޔަށް ބަޑި ޖެހުނީ އޮޅުމަކުން ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އާދިއްތަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި ރެއިޑްކޮށް ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ޖަނާ ގަޔަށް ބަޑި ޖަހާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް ޖަނާ ގަޔަށް ބަޑި ޖެހީ ގަސްތުގައި ނޫން ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފައެވެ. އިސްރާއީލުން ހަމަލާދީފައި ވަނީ ހަތިޔާރު އެޅި ބަޔަކަށް އަމާޒުކޮށް ކަމަށާއި ޖަނާ މަރުވީ އެ މީހުންނަށް ދިން ހަމަލާތަކުގައި ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މި މައްސަލައިގައި ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ވަނީ މި މައްސަލައާ ގުޅިގެން އަސްކަރިއްޔާގެ ތަހުގީގެއް ހިންގާފައިވާ ކަމަށެވެ. އެ ތަހުގީގުން ޖަނާ އަށް ހަމަލާ ދިނީ ގަސްތުގައި ނޫންކަމަށް އެނގޭ ކަމަށް ވެސް އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ. އެ ހަމަލާ އަކީ ހުޅަނގުއައްސޭރީގެ ގެއެއްގެ ފުރަޅުމަތީގައި ތިބި ހަތިޔާރު އެޅި ބަޔަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ހަމަލާގައި އާއްމުންނަށް އަނިޔާވުމަކީ ހިތާމަކުރާ ކަމެއް ކަަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. ހަނގުރާމައިގެ ހަމަނުޖެހުންތައް ހިނގާ ސަރަހައްދުތަކުގައި ހަތިޔާރު އެޅި ޖަމާއަތްތަކާއި އެކުގައި އުޅުނު ނަމަވެސް އާއްމުންނަށް އަމާޒުކޮށް ހަމަލާ ނުދޭނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ޖަނާގެ ބޮޑުބޭބެ މީޑިއާއަށް ކިޔާދީފައިވާ ގޮތުގައި އޭނާގެ ކަރަށާއި މޫނާއި ކޮނޑަށް ވަނީ ވަޒަން އަރާފައެވެ. ޖަނާ ފުރާޅުމައްޗަށް ދިޔައީ ބަޑި ޖަހާ އަޑު އިވުމުން ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެހެން ބައެއް އާއްމުންނަށް ވެސް އިސްރާއީލުގެ މި ރެއިޑްގައި އަނިޔާވެފައިވެއެވެ. އަދި އިސްރާއީލުގެ ސިފައިން ވަނީ އެ ސަރަހައްދުން ބައެއް އާއްމުން ހައްޔަރުކޮށްފައެވެ.

- ކޮމެންޓް