ދިވެހި ރާއްޖޭގައި ޑިމޮކްރެސީގެ ހުޅުކޮޅު ނުނިވި އޮތީ އެމްޑީޕީގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.
ރާއްޖޭޓީވީގެ ފަލަސުރުހީ ޕްރިގްރާމުގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ، އެމްޑީޕީއަށް 12 އަހަރުވެެގެން ދިޔައިރު އެޕާޓީއަށް ލިބުނު އެންމެ ބޮޑު ކުރިއަރުމަކީ އެމްޑީޕީން އެންމެ ބޮޑަށް މަސައްކަތް ކޮށްގެން ގެނެވުނު ބަދަލު ކަމުގައިވާ ޑިމޮކްރެސީގެ ނިޒާމު ރައްޔިތުން ބަލައިގެންފައިވާ މިންވަރު ކަމަށެވެ.
އަފީފު ވިދާޅުވީ، އެމްޑީޕީއަށް މިއަދު 12 އަހަރު ފުރިފައިވާ އިރު އެންމެ ފުރަތަމަ އިސްލާހަށް މަސައްކަތްތައް ފެށީ 1990 ވަނަ އަހަރުން ފެށިގެން ކަަމަށެެވެ. އޭރު މަސައްކަތް ފެށީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަދު މެންބަރުންތަކެއް އިސްވެ ތިބެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޓީމުން، އާއްމު ރައްޔިތުންގެ ތެރެއަށް ނިކުމެ މަސައްކަތް ފެށީ 2004 ވަނަ އަހަރުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭރު އެންމެ ބޮޑަށް މަސައްކަތް ކުރީ، ރައްޔިތުންނަށް ޑިމޮކްރެޓިކް ނިޒާމްގެ ފައިދާތައް ކިޔާދިނުމުގެ މަސައްކަތް ކަަމަށް އަފީފު ވިދާޅުވި އެވެ. އޭރު މަސައްކަތް ފެށި އިރު ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ދިމާވި ނަމަވެސް، އެކަންކަން އެމްޑީޕީން ވަރަށް ކެތްތެރިކަމާ އެކު ގިރާކޮށްފައިވާ ކަަމަށް އަފީފު ވިދާޅުވި އެވެ. އަދި އޭގެ ނަތީޖާ ވަަރަށް ފޮނި ކަމަށް އަފީފު ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ، ޕާޓީއެއް ނެތި ހިނގާ ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެއް ކަަމަށެވެ. ކިތަންމެ ކުޑަ ގައުމެއް ވިއަސް އަދި ބޮޑު ގައުމެއް ނަމަވެސް ވެރިކަން ހިންގުމުގެ އެންމެ ފުރިހަމަ ނިޒާމަކީ ޑިމޮކްރެޓިކް ނިޒާމު ކަމަށް އަފީފު ވިދާޅުވި އެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކުރި މަސައްކަތުގައި ވަަރަށް ގިނަ ބަޔަކު ފަހުން ބައިވެެރިވި ކަމަށާއި ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުންވެސް ސަރުކާރުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރި ކަމަށް އަފީފު ވިދާޅުވި އެވެ. އަފީފު ވިދާޅުވި މިއަދު މި ގެނެވުނު ބަދަލަކީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެވެސް އެއްބާރުލެއްވުމާ އެކު ގެނެވުނު ބަދަލެއް ކަމަށެވެ.
" ރައީސް މައުމޫން އިސްލާހީ އެޖެންޑާ ހުށަހެޅުއްވި ހިސާބުން، އާއްމުންގެ ތެރޭގައިވެސް މި އިސްލާހުތައް ގެނައުމާ ގުޅޭ ގޮތުން ވާހަކަދެކެވުނު. ހަގީގަތުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފަސޭހައަކަށްވި އޭރުގެ ސަރުކާރުންވެސް އެލުއި ދެއްވީމަ. އެހެންނޫންނަމަ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވީސް." އަފީފު ވިދާޅުވި އެވެ.