ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 19:30
ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ
ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ
ރޮއިޓާސް
ނޭމާގެ މައްޗަށް ދައުވާކުރުން
ނޭމާގެ ކުށެއް ނެތްކަމަށް ކޯޓުން ނިންމައިފި!
މި މައްސަލާގައި ދައުވާ ލިބޭ އެހެން ފަރާތްތަކުގެވެސް ކުށެއް ނެތްކަމަށް ވަނީ ނިންމާފައި

ސެންޓޯސްއިން ބާސެލޯނާއަށް ބަދަލުވި ފަހުން ޓެކްސް ދެއްކުމުގައި މަކަރާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކޮށް، ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާގެ ކުށެއް ނެތްކަމަށް ސްޕެނިޝް ކޯޓުން ނިންމައިފިއެވެ.

ސްޕެއިންގެ ޓެކްސް އޮތޯރިޓީތަކުން ދައުވާކޮށްފައި ވަނީ ނޭމާއަށް ދެއަހަރުގެ ޖަލު ހުކުމެއް ކުރުމަށެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލުގައި 10 މިލިއަން ޔޫރޯ ހޯދުމަށްވެސް ޓެކްސް އޮތޯރިޓީން ދައުވާކޮށްފައިވެއެވެ. ދައުވާގައިވާގޮތުން 8.4 މިލިއަން ޔޫރޯގެ ޓެކްސް ނުދައްކާ ނޭމާ ވަނީ އޮޅުވާލާފައެވެ.

މީގެ އިތުރުން ނޭމާގެ 40 ޕަސެންޓް ޕްލޭޔާސް ރައިޓްސް އޮތް ބްރެޒިލްގެ ޑީއެސްއައި އިންވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ނޭމާއަށް ކުރުމަށް އެދިފައެވެ. އަދި އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި 150 މިލިއަން ޔޫރޯ ހޯދުމަށްވެސް ޑީއެސްއައި އިން އެދިފައިވެއެވެ.

ނޭމާގެ އިތުރުން ބާސެލޯނާގެ ކުރީގެ ދެރައީސުން ކަމުގައިވާ ސަންޑްރޯ ރޮސެލްއާއި ހޯސެފް މާރިއާ ބާޓޮމޭއޯ އަދި ނޭމާގެ އާއިލާގެ މައްޗަށްވެސް ޓެކްސް ދެއްކުމުގައި އޮޅުވާލި މައްސަލާގައި ދައުވާކޮށްފައިވެއެވެ. މީގެ އިތުރުން ނޭމާގެ ބައްޕައަށް ދެއަހަރުގެ އަދި އޭނާގެ މަންމައަށް އެއް އަހަރުގެ ޖަލު ހުކުމެއް ކުރުމަށް ދައުވާކޮށްފައިވެއެވެ. ނަމަވެސް ސްޕެއިންގެ ކޯޓުން ވަނީ އެމީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާ ކަމަށް ނިންމާފައެވެ.

- ކޮމެންޓް