ސަރުކާރުގެ އަމާޒަކީ، މަސްވެރިން، ބިޔަ އޮޑިފަހަރުގައި ބާނާ މަސް ގަނެ ފިނިކޮށް، އަދި ޕްރޮސެސްކޮށް، ބޭރަށް އެކްސްޕޯޓް ކުރެވޭނެ ވަރަށް، ސަރުކާރުގެ މަސް ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ނިމިގެންދިޔަ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޫއްޑޫގެ ސްޓޯރޭޖް ކެޕޭސިޓީ 4000 މެޓްރިކް ޓަނަށް ބޮޑުކުރެވިގެންދާނެ ކަމަށެވެ. އެކަން މިހާރު އޮތީ ޓެންޑަރ ޕްރޮސެސްގައި ކަމަށާއި، ލަސްތަކެއްނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މީގެ އިތުރުން ކޫއްޑޫގެ ބަނދަރު ބޮޑުކުރެވިގެންދާނެކަން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މި ކަންތައްތައް ކުރުމުގެ ކުރިން، އަވަސް ޙައްލެއް މިކަމަށް ހޯދުމުގެ ގޮތުން، ކޫއްޑޫގެ މިހާރުހުރި ބްރައިން ފްރީޒިންގ ކެޕޭސިޓީ 120 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އަދި 1250 މެޓްރިކް ޓަނު ރައްކާކުރެވޭ ރީފަރ ކޮންޓެއިނަރ ޔާޑެއް ކޫއްޑޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާ ކަމަށައި، މި ދެ މަޝްރޫޢުވެސް މި އަންނަ އަހަރުގެ މެދަކާ ހިސާބަށް އަންނައިރުގައި ނިމި، ޚިދުމަތް ދެވޭވަރު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ކޫއްޑޫގައި ހުރި ބްރައިން ފްރީޒިންގގެ އެފިޝަންސީ އިތުރުކޮށް، އިތުރު 60 ޓަނާއި 80 ޓަނާ ދެމެދުގެ ޢަދަދަކަށް މަސް ރައްކާކުރެވޭގޮތް ހެދިފައިވާ ކަމަށެވެ. އޭގެއިތުރުން، ތިނަދޫގައި ސަރުކާރުން ޤާއިމުކުރާ 120 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންގ އާއި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ޖަނަވަރީ ތެރޭގައި ފެށި، އަހަރުގެ މެދުތެރެއަށް ނިމިގެންދާނެ ކަމަށެވެ.
މި މަޝްރޫޢުތައް ކުރިއަށްދާއިރުގައި، މަސްކިރުމުގެ ދަތިކަމަށް ވަގުތީ ޙައްލުތަކެއް ހޯދަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މަސް ގަންނަ ތިން ބޯޓު މިހާރު ގަނެ، ރާއްޖެ ގެނައުމުގެ މަސައްކަތް ކުރެވެމުން ދާއިރު، ހަތަރު ވަނަ ބޯޓެއް ގަތުމުގެ އެގްރީމެންޓް ކުރެވި، އެ ބޯޓުވެސް ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މި ހަތަރު ބޯޓުގައި 730 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި، 300 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ، ކުރިންވެސް ދެންނެވި ފަދައިން، މި ބޯޓުތައް، މި އަންނަ އަހަރުގެ ކުރީކޮޅުގައި ގެނެވި، މި ބޯޓުތައް ބޭނުންކުރެވޭވަރު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަތަރު ބޯޓުގެ ތެރެއިން، 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި، 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު، އަންނަ އަހަރުގެ ކުރީކޮޅުގައި، އިރާދަކުރެއްވިއްޔާ ހުވަދުއަތޮޅުގެ ފަރުބިތުގައި ބޭއްވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. މިއީ މި ސަރަޙައްދުގެ މަސްވެރިންނަށް ލިބިގެންދާނެ ވަގުތީ ޙައްލެއް ކަމަށާއި، ދެންއޮތީ މަސްވެރިން ހުށަހެޅުއްވި ގޮތަށް ދާއިމީ ޙައްލެއް މި ސަރަޙައްދަށް ހޯދައިދިނުމުގެ މަސައްކަތް ފަށައިގަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، މަސްވެރިކަމުގެ ޞިނާޢަތު ތަރައްޤީ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލް، ފިޝަރީޒް މިނިސްޓަރ ވިދާޅުވެދެއްވާފައިވާ ކަމަށާ، މީގެތެރޭގައި ފެލިވަރާއި، މުލަކަތޮޅު މުއްޔާއި، އިހަވަންދޫގައި އަޅުގަނޑުމެން ތަރައްޤީކުރާ މަސައްކަތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އޭގެއިތުރުން، ތ. އަތޮޅު ފުނައްޑޫ މިހާރުވާނީ ސަރުކާރަށް ނަގާފައިކަމަށާ، މަސައްކަތް ކުރަމުން މިގެންދަނީ، ފުނައްޑޫއިން މަސްގަނެ ރައްކާ ކުރުމުގެ ޢަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށުމަށްކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން، ފުވައްމުލައް ސިޓީން އެދިފައި އޮތް ގޮތަށް، އެ ރަށުގައި ހުރި މަސް ގަންނަ ފެސިލިޓީ ތަކުން މަސް ގަނެވޭނެގޮތް އިރާދަކުރެއްވިއްޔާ އެސް.ޓީ.އޯ. އިން ލަސްތަކެއްނުވެ ޢަމަލީ މަސައްކަތް ފަށައިގަންނާނެ ކަމަށާއި، ބާނާ މަސް ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށްޓަކައި ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު. ބެހެއްޓުމުގެ މަސައްކަތްތަކެއް، އަމިއްލަ މަސްވެރިންވެސް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. ސަރުކާރުން މިހާރުވަނީ ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު. ބެހެއްޓުމަށްޓަކައި ފެސިލިޓީއެއް ހުޅުވާލާފައި ކަމަށާއި، ލުއި ލޯނު ލިބޭގޮތް ހަދައިދީފައިވާ ކަމަށާއި، އޭގެ ދަށުން 260 ދޯނީގައި އާރު.އެސް.ޑަބްލިއު. ބެހެއްޓޭވަރަށް ލޯނު ދޫކުރުމަށް އެމް.އީ.ޑީ. އިން އިއުލާންކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެދިވަޑައިގަންނަވަނީ ވީހާވެސް ގިނަ ބޭފުޅުން މިކަމުގައި ބައިވެރިވެ، ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު. ބެހެއްޓުމަށް މަސައްކަތް ކުރުން ކަމުގައެވެ.