ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 15:11
އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ
އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދަށް ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ
ރައީސް އޮފީސް
ރާއްޖެ-އެމެރިކާ ގުޅުން
އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަޤާމުގެ ފަތްކޮޅު ޙަވާލު ކުރައްވައިފި
އޭނާ ސަފީރުކަމަށް އައްޔަނު ކުރެއްވީ މިއަހަރުގެ ސެޕްޓެމްބަރު މަހު
ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރާނެ

ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ.އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު ޢައްޔަންކުރެއްވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

އަބްދުލްޤަފޫރު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި ދިވެހި ސަރުކާރުގެ ފަރާތުން ބައިޑަންއަށް ވެދުން ރައްދު ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން، 1965 ވަނަ އަހަރު ދެ ޤައުމުން ޚާރިޖީ ގުޅުން ޤާއިމުކުރި ފަހުން މި ވޭތުވެދިޔަ އަހަރުތަކުގައި ދެ ޤައުުމުގެ ގުޅުން ބަދަހިވެފައިވާ މިންވަރުގެ މައްޗަށްވެސް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތަށް އަމާޒު ކުރައްވައިގެންކަން ސަފީރު ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ބައިޑަން ވަނީ ރާއްޖެއިން ދުނިޔޭގެ ފެންވަރުގައި އަދި ސަރަޙައްދީ ފެންވަރުގައި މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތް ފާހަގަ ކުރައްވައި ބައިޑަން ވަނީ އެކަމަށް ތައުރީފު ކުރައްވާފައެވެ.

ޢަބްދުލްޣަފޫރު މުޙައްމަދު އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައެވެ. އޭގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމާއި އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމާއި އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެހެން ބައެއް އިސްމަޤާމުތައް ވެސް ފުރުއްވާފައިވެއެވެ.

ޢަބްދުލްޣަފޫރު މުޙައްމަދު ވަނީ އެމެރިކާގެ ޓަފްޓްސް ޔުނިވަރސިޓީގެ ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީ އިން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާރސް ޙާސިލުކުރައްވާފައެވެ.

- ކޮމެންޓް