އާޖެންޓީނާ އިން އޮތީ ވަރަށް ރަނގަޅަށް ކްރޮއޭޝިއާ އެނަލައިސް ކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
ސްކަލޯނީ މިހެން ބުނީ މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. ކްރޮއޭޝިއާ އަކީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި މުބާރާތުގެ ރަނަރަޕް ޓީމެވެ.
ސްކަލޯނީ ބުނީ އާޖެންޓީނާ އިން އަބަދުވެސް އެންމެ ފަހުން ކުޅުނު މެޗު އެނަލައިސް ކުރާ ކަމަށާއި، ބޭނުމަކީ ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަތުން ކަމަށެވެ. ސްކަލޯނީ ބުނީ އެކަންކަން ދެނެގަތުމަށްފަހު ރަނގަޅު ކުރުމުގެ ސަބަބުން އިދިކޮޅު ޓީމަށް ހަމަލާދޭން ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ހަމައެކަނި އާޖެންޓީނާގެ ކަންކަން އެނަލައިސް ކުރަނީ ނޫން ކަމަށާއި، އިދިކޮޅަށް ކުޅެން ޖެހޭ ޓީމެއްގެ ކަންކަން ވެސް ދަސްކުރާ ކަމަަށެވެ. ކްރޮއޭޝިއާ އަކީ މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ މޮޅު ޓީމެއް ކަމަށާއި، އެމީހުން ވަރުގަދަ ޓީމުތައް ބަލިކޮށްފި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ބުނީ ކްރޮއޭޝިއާ އިން އާޖެންޓީނާ އަށް ދޭނެ ހަމަލާތަކަށް ވެސް ތައްޔާރަށް އޮތް ކަމަށެވެ.
މީގެ އިތުރުން ސްކަލޯނީ ބުނީ ކްރޮއޭޝިއާގައި ތިބި ކުޅުންތެރިންނަކީ ވެސް ވަރަށް ރަނގަޅަށް އެކަން ކުރެވޭނެ ކުޅުންތެރިން ކަމަށެވެ. ނަމަވެސް ކްރޮއޭޝިއާގެ އެންމެ ވަރުގަދ ޑިޕާޓްމަންޓަކީ ނުވަތަ އުކުޅުމަކީ ކޮބައިކަމެއް މިވަގުތު ބުނަން ބޭނުން ނުވާ ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާ އިން ފަރިތަކުރީ ކްރޮއޭޝިއާގެ ކަންކަން ދެނެގަނެގެ، އެމީހުންގެ ބަލި ފައި ވެސް އެނގި ތިބެ ކަމަށެވެ. އަބަދުވެސް ކަން ކުރާ ގޮތަކީ އެއީ ކަމަށާއި، ނަމަވެސް ކާމިޔާބުވާ ފަހަރާއި ނުވާ ފަހަރު އަންނަ ކަމަށެވެ.
ކްރޮއެޝިއާގެ ކެޕްޓަން ލޫކާ މޮޑްރިިޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ މޮޑްރިޗު ދަނޑު މަތިން ފެނުމަކީ ލިބޭނެ އުފަލެއް ކަމަށެވެ. އޭނާ ބުނީ މޮޑްރިޗަކީ ވަރަސް ގިނަ މީހުންނަށް ނަމޫނާ ކުޅުންތެރިޔެއް ކަމަށެވެ. އެއީ ހަމައެކަނި މޮޑްރިޗް ކުޅެން މޮޅުވުމުން ނޫންކަން ފާހަގަކޮށް އޭނާ ބުނީ މޮޑްރިޗަކީ ވަރަށް އަޚުލާގު ވެސް ރަނގަޅު ކުޅުންތެރިޔެއްް ކަމަށެވެ.
އާޖެންޓީނާ އަދި ކްރޮއޭޝިއާ ވާދަ ކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.