ކ. މާލެ
|
13 ޑިސެންބަރ 2022 | އަންގާރަ 07:09
ވައިގެ ކޮލިޓީ ބަލާ ނިޒާމު ހަވާލުކުރުން
ވައިގެ ކޮލިޓީ ބަލާ ނިޒާމު ހަވާލުކުރުން
އެންވަރަންމަންޓް މިނިސްޓްރީ
ވައިގެ ކޮލިޓީ ބެލުން
ވައިގެ ކޮލިޓީ ބަލާ ނިޒާމުތަކެއް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފި
މި ނިޒާމުތައް މެދުވެރިކޮށް ވައި ތަޣައްޔަރުކުރުވާ ގިނަ މާއްދާތަކެއް މޮނީޓަރު ކުރެވޭނެ
އެއަރ ކޮލިޓީ މޮނިޓަރުތައް ހަރުކުރަނީ ހުޅުމާލެ ފޭސް 1 އަދި 2 ގައި

ދިވެހިރާއްޖޭގައި މި އަހަރު ޤާއިމުކުރަން ފަށާފައިވާ ވައިގެ ސާފު މިންވަރު ބެލުމުގެ ނިޒާމް ނުވަތަ އެއަރ ކޮލިޓީ މޮނިޓަރިންގް ނެޓްވޯކް އިތުރަށް ފުޅާކޮށް، އެއްބާރުލުން ދިނުމުގެ ގޮތުން، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް 2 އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގް ސްޓޭޝަން ހަދިޔާކޮށްފިއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ މި ސްޓޭޝަން މެދުވެރިކޮށް ވައި ތަޣައްޔަރުކުރުވާ ގިނަ މާއްދާތަކެއް މޮނިޓަރު ކުރެވިގެންދާނެ ކަމަށެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ހަދިޔާކޮށްފައިވާ 2 ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަން ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ހަވާލުކުރުމުގެ ގޮތުން މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ސްޓޭޝަން ޤާއިމުކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައެވެ. މި ސްޓޭޝަންގެ ޒަރިއްޔާއިން ލިބޭ ޑޭޓާ ބޭނުންކޮށްގެން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ޑޭޓާ އާންމުންނަށް ފެންނާނެހެން ޝާޢިއުކުރުމުގެ މަސައްކަތް އެޗްޑީސީއާއި މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

ވައިގެ ކޮލިޓީ ބަލާ ނިޒާމު އެޗްޑީސީއާ ހަވާލުކުރުން - އެންވަރަންމަންޓް މިނިސްޓްރީ

މީގެ އިތުރުން، 2 އެއަރ ކޮލިޓީ މޮނިޓަރު ހަވާލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ވަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މޮނިޓަރުތަކުގެ ޒަރިއްޔާއިން ޕަރޓިކިއުލޭޓް މެޓަރPM1, PM2.5 , PM10 އަދި ކާބަންޑައިއޮކްސައިޑް ގޭސް ވައިގަ ހުރި މިންވަރު މޮނިޓަރުކުރެވިގެންދާނެއެވެ. މި މޮނިޓަރުތައް ހަރުކުރަން ރާވާފައިވަނީ ހުޅުމާލޭގެ އެއްވަނަ އަދި ދެވަނަ ފިޔަވަހީގައެވެ. ވައި ތަޣައްޔަރު ވެފައިވާ މިންވަރު އަންގައިދޭ މިންގަނޑު ކަމަށްވާ "އެއަރ ކޮލިޓީ އިންޑެކްސް" ނުވަތަ އޭކިއުއައިވެސް މި މޮނިޓަރުތަކުގެ ޑާޓާއިން އެނގިގެންދާނެއެވެ.

އެއަރ ކޮލިޓީ އިންޑެކްސް ނުވަތަ އޭކިއުއައި އަކީ އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިން ވައިގެ ސާފު މިންވަރު ބެލުމަށް ކަނޑައަޅާފައިވާ މިންގަނޑެކެވެ. މި އިންޑެކްސް ވައިގެ ސާފު މިންވަރު އަންގައިދޭ ކެޓަގަރީތަކަކަށް ބަހާލެވިގެންވެއެވެ. ޖުމުލަ 6 ކެޓަގަރީއަކަށް ބަހާލެވިފައިވާއިރު ކޮންމެ ކެޓަގަރީއަކަށް ކުލައެއްވަނީ ދެވިފައެވެ. ސިއްޙަތަށް ނޭދެވޭ އަސަރު ކުރުވާ މިންވަރު ފަސޭހަކަމާއެކު ދެނެގަތުމަށް ކޮންމެ ކެޓަގަރީއަކަށްވެސް ވަނީ ތަފާތު ކުލައެއް ދީފައެވެ.

އެއަރ ކޮލިޓީ މޮނިޓަރިންގް ނެޓްވޯކެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި މިހާތަނަށް މި މޮނިޓަރު ހަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ.ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫގައެވެ. މާލޭގައި މި މޮނިޓަރު ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ވިލިމާލޭގައިވެސް އަވަސް މުސްތަޤުބަލެއްގައި މި މޮނިޓަރު ހަރުކުރުމުގެ މަސައްކަތް ފަށާން މިނިސްޓްރީން ވަނީ ނިންމާފައެވެ.

- ކޮމެންޓް