ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ގއ. ކޮލަމާފުއްޓަށް ތައާރަފުކޮށްފިއެވެ.
މި ޚިދުމަތް އެ ރަށަށް ތައާރަފުކޮށްފައިވަނީ ހޯމަ ދުވަހުއެވެ. މިއީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން އެ ރަށުގައި ތައާރަފު ކުރި ޚިދުމަތެކެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ކޮލަމާފުށީގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކަކާ އެކުގައެވެ. އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯއެންޓީވެސް ހިލޭ ލިބޭނެއެވެ.
މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އެއް ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި 103 ރަށް ހިމެނެއެވެ.
ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެެވެ.