އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެޕާޓީގެ މެންބަރުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން އޮފީހުން ނެރުނު ބަޔާނުގައި، ރައީސް މައުމޫނުގެ އިސްނެންގެވުމާއި އެކު ފެށި އިސްލާހީ އެޖެންޑާގެ ދަށުން ދިވެހި ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފްވިކަން ފާހަގަކުރައްވާފައި ވެއެވެ.
މި ބަޔާނުގައި ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓަރ ކުރެވުނު ސިޔާސީ ޕާޓީ އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްތެރޓިކް ޕާޓީ ( އެމްޑީޕީ) ކަމަށާއި މި އުފާވެރި ދުވަހުގެ މުނާސަބާއާ ގުޅިގެން އެމްޑީޕީގެ ހުރިހާ މެންބަރުނަށް ހޫނު މަރުހަބާއެއް ވިދާޅުވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އެމްޑީޕީ ވުޖޫދަށް އައިސްފައިވަނީ 2005 ވަނަ އަހަރުގެ ޖޫން 26 ގައި އެވެ.
މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައިވަނީ އެމްޑީޕީގެ ލީޑަރޝިޕާއި އެ ޕާޓީގެ އެންމެހާ އާއްމު މެންބަރުން ކުރައްވަމުންދާ އިހްލާސްތެރި މަސައްކަތްތަައް ފާހަގަކޮށް، އެކަންކަން ކާމިޔާބީއަށް އެދިފަ އެވެ.
ކުރީގެ ރައީސް މައުމޫންގެ އިތުރުން ގިނަ ބަޔަކު ވަނީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބައާ ގުޅިގެން އެ ޕާޓީއަށް ތަހުނިޔާ ފޮނުވާފަ އެވެ.
އެޕާޓީގެ އަހަރީ ދުވަހާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދު ނެރުއްވާފައިވާ ބަޔާނުގައިވަނީ، އެމްޑީޕީން މިއަދު އެންމެ އިސްކަމެއްދީގެން ކުރައްމުންގެންދަވަނީ އެހެން އިދިކޮޅު ޕާޓީތަކާއި ގުޅިގެން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް އަލުން އިޔާދަކޮށް، މުއައްސަސާތައް މުސްތަގިއްލު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާރުގެ ރައީސް އަބދުﷲ ޔާމީނުގެ ވެރިކަން ނިމި މިނިވަން އިންތިހާބެއް ރާއްޖޭގައި ބޭއްވޭނެ ދުވަހަކަށް އެ ޕާޓީން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީ އެދޭ ކެންޑިޑޭޓަކަށް ވާދަކުރެވި، އިންތިހާބު ކާމިޔާބު ކުރުމުގެ އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ނަޝީދުގެ ބަޔާނުގައި ވިދާާޅުވެފައި ވެއެވެ.