Advertisement
ކ. މާލެ
|
26 ޖޫން 2017 | ހޯމަ 19:17
އީޔޫ ޕާލިމެންޓްގައި ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރަނީ
އީޔޫ ޕާލިމެންޓްގައި ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ހާލަތު
ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ
އަންނަ ސެޕްޓެމްބަރު މަހު އީޔޫގެ ޓީމެއް އަނެއްކާވެސް ރާއްޖެ އަންނާނެ
2013 ވަނަ އަހަރަށް ފަހު އިންސާނީ ހައްގުތަކުގެ ބޮޑު މައްސަލަތަކެއް ކުރިމަތިވެފައިވޭ

ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގައި ހުރި، އިންސާނީ ހައްގުތަކާއި ގުޅޭ މައްސަލަތައް ކިޔައިދީ، ރާއްޖޭގައި ހުރި  މައްސަލަތައް އަންގަންޖެހޭ ކަަމަށް ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ ހެޑް ޑިއެޓްމަރ ކްރިސްލާ ވިދާޅުވެއްޖެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓްގެ ފޮރިން އެޕެއާޒް ކޮމިޓީގައި ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން، ޑިއެޓްމަރ ކްރިސްލާ ވިދާޅުވީ، 2008 ވަނަ އަހަރު ރާއްޖެއިން ވަރަށް މުހިއްމު އިސްލާހީ ބަދަލެއް ގައުމަށް ގެނައި ކަމަށެވެ. އެގޮތުން ރާއްޖެއަށް ޑިމޮކްރަސީގެނެސް އެ ގެނެވުނު ބަދަލުތަކުގެ ތެރެއިން މުހިންމު ގިނަ ހައްގުތަަކެއް ރައްޔިތުންނަށް ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ބަދަލު ގެނެވުނު ނަމަވެސް، 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވުމަށްފަހު، ޑިމޮކްރަސީ ނިޒާމަކުން ލިބިދޭންޖެހޭ، ވަރަށް މުހިއްމު އިންސާނީ ހައްގުތަކެއް ހަނިވެގެންދިޔަ ކަަމަށެވެ. އެގޮތުން ހިޔާލުފާޅު ކުރުމާއި، މިނިވަންކަމާއެކު ރައްޔިތުންނަށް އެއްވެ އުޅުމުގެ ފުރުސަތު ހަނިވެގެންދިޔަކަން ކްރިސްލާ ފާހަގަ ކުރެއްވި އެވެ.

ކްރިސްލާ ވިދާޅުޥީ، ރާއްޖޭގައި ސިޔާސީ ލީޑަރުންތަކެއް ހައްޔަރު ކުރެވި، އެތައް ލީޑަރުންނެއް ގައުމުން ބޭރަށް ދާންޖެހުނު ކަމީވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

 މީގެ އިތުރުން ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރުމަށްވެސް ރާއްޖެއާއެކު މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މިންވަރު ބަލާ އެކަން ހުއްޓުވުމަށް ރާއްޖޭގެ ސަރުކާރަށް މިހާރަށްވުރެ ބޮޑަށް ބާރުއަަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އީޔޫއިން ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ސިޔާސީ ތަފާތު މައްސަލަތައް ހައްލު ކުރުމަށް މިހާރަށްވުރެ ކައިރިން މަސައްކަތް ކުރަންޖެހޭ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އީޔޫގެ ހެޑްސް އޮފް މިޝަނުން މިދިޔަ މަހު ރާއްޖެއަށްގޮސް އީޔޫއިން ގަބޫލު ކުރާ މިންގަނޑުތައް ދިވެހި ސަރުކާރަށް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށް ކްރިސްލާ ވިދާޅުވި އެވެ. ކްރިސްލާ ވަނީ  ސަރުކާރުން، ފާޅުގައި މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރާ ކުރުމާއި މެދު ކަންބޮޑުވުން ފާޅުކުރަށްވާފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ، ރާއްޖޭގައި އީޔޫގެ ދާއިމީ މިޝަން އެއް ގާއިމް ކުރުން މުހިއްމުކަން ފާހަގަކޮށް، ރާއްޖޭގައި ހުރި ކަންބޮޑުވާ މައްސަލަތައް ހައްލު ކުރުމަށް މިއީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް