Advertisement
ކ. މާލެ
|
11 ޑިސެންބަރ 2022 | އާދީއްތަ 12:32
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން
ޕީޖީ އޮފީސް
ހެއްކާބެހޭ ޤާނޫނު
ހެއްކާބެހޭ ޤާނޫނަށް އަމަލުކުރަން ފަށަންވާއިރަށް ޕީޖީ އޮފީހުގެ ވަކީލުން ތަމްރީނުކުރަނީ
އަންނަ ޖެނުއަރީ މަހު މި ޤާނޫނަށް އަމަލުކުރަން ފަށާނެ
ފުލުހުންގެ އިންވެސްޓިގޭޓަރުންވެސް މި ތަމްރީނުތަކުގައި ބައިވެރި ކުރާނެ
މި ތަމްރީނުތައް ކުރިއަށްގެންދަނީ ސިލްސިލާކޮށް ބަހާލައިގެން

މިއަހަރުގެ ޖުލައިމަހު ތަޞްދީޤުކުރި ހެއްކާބެހޭ ޤާނޫނަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އެގޮތުގެ މަތިން އަންނަ ޖެނުއަރީ މަހު މި ޤާނޫނަށް އަމަލުކުރަން ފަށާނެއެވެ.

ޕީޖީ އޮފީހުން ބުނީ، އަލަށް ޢަމަލުކުރަން ފަށާ ހެއްކާބެހޭ ޤާނޫނަށް ޕްރޮސިކިއުޓަރުންނާއި އިންވެސްޓިގޭޓަރުން ތަމްރީނު ކުރުމަށް އެ އޮފީހުން ކުރިއަށް ގެންދާ ޕްރޮގްރާމް ފަށާފައިވާ ކަމަށެވެ. އެކަމާ ގުޅޭ ތަފްސީލު ހޯދުމަށް ރާއްޖެއެމްވީން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، މި ތަމްރީނުތައް ކުރިއަށްގެންދަނީ ސިލްސިލާކޮށް ބަހާލައިގެން ކަމަށެވެ. އެގޮތުން ތަމްރީނު ދެއްވުމުގައި އިސްކޮށް އުޅުއްވަނީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި އެވިޑެންސް ލެކްޗަރަރއެއް ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަހުމޫދު ސަލީމްކަމަށް އޭނާ ވިދާޅުވިއެވެ.

ޝަފީއު އިތުރަށް ވިދާޅުވީ، ހެއްކާބެހޭ ޤާނޫނުގެ އެންމެ ބޮޑު ބޭނުމެއް ކުރަންޖެހޭ އެއްބަޔަކީ ޤާނޫނީ ވަކީލުން ކަމަށާއި، އޭގެ އިތުރުން، ފުލުހުންގެ އިންވެސްޓިގޭޓަރުންވެސް މި ތަމްރީނުތަކުގައި ބައިވެރި ކުރާނެ ކަމަށެވެ. އެގޮތުން ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ހުރިހާ ޕްރޮސިކިއުޓަރުން މި ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާނެކަމަށް ޝަފީއު ވިދާޅުވިއެވެ.

Advertisement

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤުޞަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު އެގޮތުގައި ކަށަވަރު ކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުޞޫލު ކަމުގައިވާ ހެކީގެ އުޞޫލު ތަފްޞީލުކޮށް ޤާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ހެއްކާބެހޭ ޤާނޫނާއި (ޤާނޫނު ނަންބަރު: 76/24)، އަންހެނުންގެ ހެކިބަހުގެ ޤާނޫނު (ޤާނޫނު ނަންބަރު: 72/14ޖ.) އުވިގެން ދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް