އަންނަ އަހަރުގެ ޖެނުއަރީ 1 ން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ވޯލްޑް ބޭންކުން ތައުރީފުކޮށްފިއެވެ.
ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވާފައިވާއިރު، މިއީ ޖުލައި 2022ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
އެ ދަތުރުފުޅަށްފަހު ވޯލްޑް ބޭންކުން ވަނީ ރާއްޖެއިން އިމްޕެކްޓް އެސްސްމަންޓްތަކެއް ހެދުމަށްފަހު ޓެކްސް ބޮޑުކުރަން ނިންމި ނިންމުމަށް ތައުރީފުކޮށްފައެވެ. އެގޮތުން ރާއްޖެއިން ޓެކްސް ބޮޑު ކުރި ކުރުމަކީ އެ ބޭންކުން ބަލައިގަންނަ ކަމެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ދައުލަތުގެ ރިޒަރވް ރަނގަޅުކުރުމަށް މިވަގުތަށް އެޅެން ހުރި އެންމެ ރަނގަޅު ފިޔަވަޅަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކޮށް ބޭރު ފައިސާގެ ރިޒަރވް ރަނގަޅުވެގެން ދިއުންކަން ފާހަގަކޮށް ސަރުކާރުންވެސް ވަނީ، މި ދަނޑިވަޅުގައި ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމަކީ ރިޒަރވްއަށް ވެސް އޭގެ ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށާއި، އަންނަ އަހަރު އެ ބަދަލުތައް ފެނިގެންދާނެކަމަށް ބުނެފައެވެ.
ޓެކްސް އަށް ގެނައި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ، ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމާއި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ދައުލަތުގެ އާންމްދަނީ އިތުރުކުރުމެވެ.
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް އަދި ފަތުރުވެރިކަމުގެ މުދަލައި ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަަސަރެއް ނުކުރާނެކަމަށް ސަރުކާރުން ބުނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 1 ޖަނަވަނީ 2023 އިން ފެށިގެން 16 އިންސައްތަ، އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ 1 ޖަނަވަނީ 2023 އިން ފެށިގެން 8 އިންސައްތަ ކަމުގައި ކަނޑައަޅާފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ތަސްދީޤުކުރައްވާފައެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 1 ޖަނަވަނީ 2023 އިން ފެށިގެން 16 އިންސައްތަކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ 1 ޖަނަވަނީ 2023 އިން ފެށިގެން 8 އިންސައްތަ ކަމުގައިވެސް ކަނޑައަޅުއްވާފައިވެއެވެ.