Advertisement
ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 14:58
މޯލްޑިވިއަން އެއަރލައިން
މޯލްޑިވިއަން އެއަރލައިން
މޯލްޑިވިއަން
މޯލްޑިވިއަންގެ ފްލީޓް
ކުރިއަށް އޮތް 2 ހަފުތާތެރޭގައި މޯލްޑިވިއަންގެ ފްލީޓަށް އިތުރު 2 ބޯޓު
ޖެނުއަރީ މަހުގެ ތެރޭގައި އިތުރު ބޯޓެއް ލިބޭނެ
މިއީ އޭޓީއާރް 72 މަރުކާގެ 2 ބޯޓު

ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓަށް 2 ބޯޓެއް އިތުރުވާނެކަމަށް، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަނުން ވަނީ އެ އެއަރލައިންގެ ފްލީޓަށް ތިން ބޯޓެއް ހޯދަން އިއުލާނުކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ޖެނިފާ ވިދާޅުވީ، ހޯދަން އިއުލާނުކުރި 3 ބޯޓުގެ ތެރެއިން 2 ބޯޓު ކުރިއަށްއޮތް 2 ހަފުތާތެރޭގައި ލިބޭނެ ކަމަށެވެ. މިއީ އޭޓީއާރް 72 މަރުކާގެ 2 ބޯޓެވެ. މިއިން ކޮންމެ ބޯޓެއްގައި 74 މީހުންގެ ޖާގަ ހުންނާނެއެވެ.

Advertisement

ޖެނިފާ ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި 3 ވަނަ ބޯޓު ލިބޭނެކަމަށް ބެލެވޭކަމަށެވެ. އެއީ އޭޓީއާރް 42 މަރުކާގެ ބޯޓެކެވެ. މި ބޯޓުގައި 50 މީހުންގެ ޖާގަ ހުންނާނެއެވެ. ޖެނިފާ ވިދާޅުވީ މި ބޯޓުތައް ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކުގައި ކަމަށެވެ.

ޖެނިފާ ވިދާޅުވީ، މި ބޯޓުތައް އެ އެއަރލައިންގެ ފްލީޓަށް އިތުރުކުރެވުމުން، މިހާރު ދިމާވަމުން އަންނަ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. މި ބޯޓުތަކަކީ އައު ބޯތުތަކެއްކަމުން، ޓެކްނިކަލް ޑިލޭތައް އައުން ހުއްޓޭނެ ކަމަށާއި މެއިންޓެނެންސަށް ކުރާ ޚަރަދުވެސް ކުޑަވެގެންދާނެ ކަމަށެވެ. އަދި ޑިޕާޗަރ ގަޑިއަށް ލަސްކަމެއް ނައުމާއި، އޮޕަރޭޝަންތަކަށް އިތުރު ފަސޭހައެއް ލިބިގެންދާނެކަމަށް ޖެނިފާ ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަނުން މިހާރު ބޭނުންކުރަނީ 10 ބޯޓެވެ. ބައިނަލްއަގުވާމީ ދަތުރުތަކުގައި 2 ބޯޓު ބޭނުންކުރާއިރު އެ އެއަރލައިނުން ދާދި ފަހުން ވަނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރުމަށް އިތުރު ބޯޓެއް ހޯދުމަށް އިއުލާނުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް