Advertisement
ކ. މާލެ
|
10 ޑިސެންބަރ 2022 | ހޮނިހިރު 12:49
ފެމިލީ ކޯޓް
ފެމިލީ ކޯޓް
އަވަސް
ވައްކަން
ފެމިލީ ކޯޓުގެ އޭސީ އައުޓްޑޯރ ޔުނިޓެއް ވަގަށް ނަގަން އުޅުނު މީހާ: "އެތަނަށް އެރީ ކޯޓުގެ ފުރާޅުން ފެން ފައިބާތީ"
ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ހުށަހެޅިފައިވޭ
އޭނާ ހައްޔަރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި
އޭނާ ހުއްޓުވިއިރު އޭނާގެ ކައިރީގައި އޭސީ އައުޓްޑޯރ ޔުނިޓެއް ހުރި

ފެމިލީ ކޯޓުގެ އޭސީ އައުޓްޑޯރ ޔުނިޓެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި, އޭނާގެ މައްޗަށް ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައިވެއެވެ. އެގޮތުން ހުށަހެޅިފައިވާ ހާދިސާ ރިޕޯޓަށް ބަލާއިރު، ފެމިލީ ކޯޓުގެ ފުރާޅުމައްޗަށް އަރައި، ފުރާޅުމަތީގައި ހުރި ފެމިލީ ކޯޓުގެ އޭސީ އައުޓްޑޯރ ޔުނިޓެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ހުށަހެޅިފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އޮތްކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާގެ ހައްޔަރާއި ބަންދު ލޮގް ހުށަހެޅިފައިވާއިރު، ގިނަ އަދަދެއްގެ ކުށްތަކެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަން އެނގެއެވެ. އެގޮތުން ވައްކަމާއި، ފޭރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، މާރާމަރީގެ ޖުމުލަ 54 ރެކޯޑު ހިމެނޭކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އަދި އޭގެތެރެއިން 34 ފަހަރު ހައްޔަރު ކޮށްފައިވާކަން އެނގޭކަންވެސް ވަނީ ބަޔާންކޮށްފައެވެ.

Advertisement

އުމުރުން 27 އަހަރުގެ އެ ޒުވާނާ ކޯޓުގައި ބުނެފައިވާ ގޮތުގައި، ފެމިލީ ކޯޓަކީ އޭނާގެ ގެއާ ޖެހިގެން ހުންނަ ތަނެކެވެ. އެތަނަށް އެރީ ކޯޓުގެ ފުރާޅުން ފެން ފައިބާތީ އެކަން ހައްލު ކުރުމަށްކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

އެހެންނަމަވެސް، ފެމިލީ ކޯޓުގެ އެޑްމިން އޮފިސަރަކު ފުލުހުންނަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، އޭނާ ފުރާޅަށް އެރީ އޭސީ އައުޓްޑޯރ ޔުނިޓް ވަގަށް ނެގުމަށްކަމަށް ބެލެވޭކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ފުލުހުން އޭނާ ހުއްޓުވިއިރު އޭނާ ކައިރީގައި އޭސީ އައުޓްޑޯރ ޔުނިޓެއް ހުރިކަމަށް ހާދިސާ ރިޕޯޓުގައި ވެއެވެ.

ވުމާއެކު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 40 ދުވަސް ދީފައެވެ. އޭނާގެ ބަންދުގެ މުއްދަތު ނިމޭނީ 17 ޖެނުއަރީ 2023ގެ 13:05 އަށެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އަލީ ނަދީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް