އެމެރިކާގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ގްރާންޓް ވޯލް ކުއްލިގޮތަކަށް މަރުވެއްޖެއެވެ.
އުމުރުން 48 އަހަރުގެ ވޯލް މަރުވީ ފީފާ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި އާޖެންޓީނާއާއި ނެދަލެންޑްސް ބައްދަލުކުރި މެޗަށްފަހު ކަމަށް ބޭރުގެ މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ވޯލް މަރުވެފައިވަނީ މެޗަށްފަހު، މެޗުގެ ވާހަކަތައް ދައްކަމުން ދަނިކޮށް ނޭވާލުމަށް ދަތިވެގެން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ލުސައިލް ސްޓޭޑިއަމްގައި ހުއްޓައި ވޯލްއަށް ނޭވާލާން އުނދަގޫވުމުން ސިއްހީ އޮފިޝަލުން އޭނާއަށް 30 މިނެޓު ވަންދެން ފަރުވާދިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ވޯލް މަރުވުމުގެ ފަސް ދުވަސް ކުރިން ވަނީ ސިއްހީ ހާލަތު ބަޔާންކޮށްދޭ ލިޔުމެއްވެސް ލިޔެފައެވެ. އެ ލިޔުމުގައި އޭނާ ބުނެފައިވަނީ އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ބަލިވެފައިވާ ކަމަށެވެ. ސަބަބަކީ ތިން ހަފުތާގެ މުއްދަތުގައި ނިދުން މަދުވުމުގެ ސަބަބުންނާއި މަސައްކަތް ބުރަވެގެން ދިމާވާ ސްޓްރެސްގެ ސަބަބުންކަމަށެވެ. ވޯލް ބުނީ އެކަމާ ގުޅިގެން އޭނާ ފަރުވާވެސް ހޯދިކަމަށާއި، އޭރު އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅު ވަމުން އައިކަމަށެވެ.
ވޯލް މަރުވުމާ ގުޅިގެން އެމެރިކާ ފުޓުބޯޅަ ޓީމުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ; ވޯލް ދުނިޔެއާ ވަކިވުމަކީ މުޅި އެމެރިކާ ޓީމުގެ އިތުރުން އެ ގައުމުގެ ކުޅިވަރަށްވެސް ލިބުނު ގެއްލުމެއް ކަމަށެވެ. އަދި ވޯލްއަކީ ނޫސްވެރިއެއްގެ އިތުރުން، ފުޓުބޯޅައަށް ލޯބިކުރާ ފަރާތެއް ކަމަށެވެ. ފުޓުބޯޅަ ޓީމުން ބުނީ ވޯލް މަސައްކަތްކުރަމުން އައީ ފުޓުބޯޅައަކީ އޭނާގެ ދިރިއުޅުމުގެ އެއްބައިކަމުގައި ދެކިގެންކަމަށެވެ. ވޯލްއާއި އޭނާގެ މޮޅު ލިޔުންތައް ދެން އިތުރަށް ނުފެނުމަކީވެސް ޓީމަށް ލިބޭ ހިތާމައެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ވޯލް ލިޔެފައިވާ ލިޔުންތަކާއި، އޭނާގެ މަސައްކަތް އަބަދަށް ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ވޯލް މަރުވުމާ ގުޅިގެން، ފުޓުބޯޅައިގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ފުޓުބޯޅަ ނޫސްވެރިންވެސް އަންނަނީ ހިތާމަފާޅުކޮށް، ވޯލްގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.
މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތަކީ ވޯލް ކަވަރުކުރި އަށްވަނަ ވޯލްޑް ކަޕް މުބާރާތެވެ. އޭނާއަކީ ސީބީއެސް ސްޕޯޓްސްގެ އެނަލިސްޓެއްގެ އިތުރުން، ސްޕޯޓްސް އިލުސްޓްރޭޑެޓްގެ ސީނިއަރ ލިޔުންތެރިޔެއެކެވެ. މީގެ އިތުރުން އޭނާއަކީ ފޮކްސް ސްޕޯޓްސްގެ ކޮރަސްޕޮންޑެންޓްއެކެވެ.