ފާއިތުވެ ދިޔަ 20 އަހަރުގެ ތެރޭގައި އެމެރިކާގައި ވެރިކަން ކުރެއްވި ކޮންމެ ރައީސަކުވެސް ރޯދަ މަހުގެ މުނާސަބަތުގައި ވައިޓް ހައުސްގައި ބާއްވަވަމުން ގެންދެވި ރޯދަ ވީއްލުން މި އަހަރު ވައިޓް ހައުސްގައި ނުބޭއްވި ކަން ފާހަގަ ވެއްޖެއެވެ.
ވައިޓް ހައުސް ގައި ރޯދަ ވީއްލުން ބާއްވަވަން ފެއްޓެވީ ކްލިންޓަންގެ ވެރިކަމުގައި 1996 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން ބުޝް އާއި އޮބާމާގެ ވެރިކަމުގައިވެސް ކޮންމެ އަހަރަކު ރޯދަ ވީއްލުން ވައިޓްހައުސްގައި ގެންދެވީ ބާއްވަވަމުންނެވެ.
ވައިޓް ހައުސްގައި އެމެރިކާގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ބާއްވަވަމުން ގެންދެވި ރޯދަވީއްލުމުގައި އެމެރިކާގެ ފާހަގަ ކުރެވޭ ގިނަ އަދަދެއްގެ މުސްލިމް ލީޑަރުން ބައިވެރިވެ ވަޑައިގެންފައިވާ ކަން ފާހަގަ ކުރެވިފައިވެއެވެ.
ރޯދަ ވީއްލުން ވައިޓް ހައުސްގައި ނުބޭއްވެވުމަށް ރައީސް ޓްރަމްޕް ނިންމެވި ނަމަވެސް، ފިތުރު އީދުގެ މުނާސަބަތުގައި މީގެ ކުރިއެކޭ އެއްގޮތައް މަރުހަބާގެ މެސެޖް މުސްލިމުންނަށް ފޮނުއްވިއެވެ.
މުސްލިމުންނަށް ވައިޓް ހައުސްގައި ބާއްވަމުން އައި ރޯދަ ވީއްލުމުގެ ސަގަފާތް ރައީސް ޓްރަމްޕް ނިމުމަކަށް ގެންނެވި އިރު އެކަމާ ހިތާމަ ކުރައްވާ ކަމަށް އެމެރިކާގެ ވޮޝިންގޓަންގައި ހުންނަ ނޭޝަންސް މޮސްކް ގެ ރައީސް އިމާމް ތާލިބް ޝަރީފް ނިއުސްވީކް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރައީސް ޓްރަމްޕް ރޯދަ ވީއްލުމުގެ ޕްރޮގްރާމް ހުއްޓާލެއްވުމުން ލިބޭ މެސެޖް ރަނގަޅު ނޫން ކަމަށެވެ.
ރައީސް ޓްރަމްޕް އަށް ވަގުތު ލިބިވަޑައިގަންނަވާ ކަމަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ، ރައީސް ޓްރަމްޕް އަށް ގޮލްފް ކުޅުއްވަން ވަގުތު ލިބި ވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެހީތެރިކަމަށް ބޭނުންވެފައިވާ ބަޔަކާ ބައްދަލު ކޮށްލައްވާނެ ވަގުތުކޮޅެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ހަފިންގްޓަން ޕޯސްޓް ގައި ބުނެފައިވަނީ، ފިތުރު އީދުގެ މުނާސަބަތުގައި ރައީސް ޓްރަމްޕް މެސެޖް ނެރުއްވި ތާ މާ ގިނަ އިރު ތަކެއް ނުވެ ވާޖީނިއާގައި އޮންނަ ރައީސް ޓްރަމްޕްގެ އަމިއްލަފުޅު ގޮލްފް ކޯސް އަކުން ޓްރަމްޕް ފެނިފައިވާ ކަމަށެވެ.