އާންމުންގެ އެދުމާއި އެއްގޮތަށް މިނީ ބަސް ދުއްވާ އޯކިޑް ރޫޓަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެމްޓީސީސީން ގެނައި މިބަދަލުތައް ހާމަކޮށް ބުނެފައިވަނީ ޑިސެމްބަރު 10 ވާ ހޮނިހިރު ދުވަހުން ފެށިގެން މިބަދަލުތަކަށް އަމަލުކުރަން ފަށާނެކަމަށެވެ. އެގޮތުން އޯކިޑް ރޫޓަށް ގެނެސްފައިވާ ބަދަލުތަކާއެކު ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގުގެ ބައެއް ބަސް ހުއްޓިތައް ވަނީ އުނިކޮށްފައެވެ.
އުނިކޮށްފައިވާ ދެ ބަސް ހުއްޓިއަކީ ބޮޑުތަކުރުފާނު މަގުގެ ވެސްޓް ޕާކު ބަސް ހުއްޓި އާއި މަޖީދީ މަގުގެ ސޯޝަލް ސެންޓަރު ބަސް ހުއްޓިއެވެ.
ދެ ބަސް ހުއްޓިއެއް އުނިކުރުރުމަށްފަހު ބޮޑުތަކުރުފާނު މަގާއި ކަނބާއައިސަރަނި ހިނގުމާއި އަމީނީމަގަށް ވަނީ 4 ބަސް ހުއްޓިއެއް އިތުރުކޮށްފައެވެ.
އިތުރުކޮށްފައިވާ ބަސް ހުއްޓިތަކަކީ ބޮޑުތަކުރުފާނު މަގަށް ދަރުމަވަންތަ ހޮސްޕިޓަލް ބަސް ހުއްޓި އާއި، ކަނބާއައިސަރަނި ހިނގުމަށް ސޯޝަލް ސެންޓަރު ބަސް ހުއްޓި އާއި އައިޖީއެމްއެޗް ބަސް ހުއްޓިއެވެ. މީގެއިތުރުން އަމީނީ މަގަށް ވަނީ މާފަންނު ފެރީ ޓަރމިނަލް ނުވަތަ ވިލިމާލެ ފެރީ ޓާރނިމަލް އަށް ބަސް ހުއްޓިއެއް އިތުރުކޮށްފައެވެ.
މިބަދަލުތަކާއެކު މިހާރު އޯކިޑް ރޫޓުން އައިޖީއެމްއެޗާއި ވިލިމާލެ ފެރީ ޓާމިނަލަށް ދެވޭނެއެވެ. މިބަދަލުތައް ގެންނައިރު ދާދިފަހުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އާންމުން އެދޭގޮތަށް މިނީ ބަސް ދުއްވާ ބައެއް ރޫޓުތަކަށް ކުރިޔަށް އޮތްތަނުގައި ބަދަލުތަކެއް ގެންނަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އޯކިޑް ރޫޓުން އައިޖީއެމްއެޗަށް ދެވޭނެ ގޮތެއް ހަމަޖެއްސުމަށް ގިނަ ބަޔަކު އެދެމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތުން އައިޖީއެމްއެޗަށް ދެވެން އޮންނަނީ އަމީނީ ރޫޓުން ކަމަށްވާއިރު މަޖީދީ މަގުގެ މެދުގައި ހުންނަ މީހަކަށް އައިޖީއެމްއެޗަށް އަމީނީ ރޫޓުން ދެވޭނީ ވަރަށް ދުރަށްގޮސްގެންނެވެ. އެހެންކަމުން އޯކިޑް ރޫޓަށް ބަދަލުތަކެއް ގެނެސްދިނުމަށް އާންމުންގެ ޚިޔާލު ލިބެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މާލޭގައި މިނީ ބަހުގެ ޚިދުމަތް ދެމުން އަންނައިރު މި ޚިދުމަތް ދެމުން އަންނަނީ 3 ރޫޓަކުންނެވެ. އެއީ ސޯސަންމަގު ރޫޓާއި އޯކިޑު މަގު ރޫޓާއި އަމީނީ މަގު ރޫޓެވެ.
މިނީ ބަހުގައި ދަތުރުކުރުމަށްޓަކައި ހަތް ރުފިޔާގެ ޓިކެޓެއް ނަގަން ޖެހެއެވެ. އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ބަހުގެ ކިއުއާރް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ސީދާ ހަތް ރުފިޔާ ދީގެން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ.