ގަތަރާ، ސައުދީ އަރަބިއްޔާގެ ކޯލިޝަން ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލައިގައި ދެ ފަރާތުންވެސް ވާހަކަތައް ފިނި ކުރަން ޖެހޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން މިދިޔަ އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ.
ޓިލަސަން މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ގަތަރަށް ދަތި ކުރުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން އިސްވެ އެހެން ބައެއް ގައުމުތަކާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލުމަށް ގަތަރުން ފުރިހަމަ ކުރަންޖެހޭ ޝަރުތު ތަކެއް ކަމަށް ބުނެ ހުށަހެޅި 13 ޝަރުތާ ގުޅިގެން ދެފަރާތުގެ ވާހަކަތައް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ސައުދީ އަރަބިއްޔާ، ބަހްރޭން، ޔޫއޭއީ އަދި މިސްރުން ބުނެފައިވަނީ 13 ޝަރުތު ގަތަރުން 10 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމުން ނޫނީ އިގްތިސާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ގަތަރަށް ކުރިމަތި ކޮށްފައިވާ ފިއްތުންތައް ނައްތާނުލާނެ ކަމަށެވެ.
އަނެއް ކޮޅުން އާދިއްތަ ދުވަހު ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވަނީ މި ޝަރުތުތަކާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާ ދެކޮޅު ހައްދަވާފައެވެ. ރައީސް އުރުދުޣާން ވަނީ ސައުދީ އަރަބިއްޔާ އާ ކޯލިޝަން ހަދާފައިވާ ގައުމުތަކުން ގަތަރަށް ކުރިމަތި ކުރުވި ޝަރުތުތަކަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް ޝަރުތު ތަކެއް ކަމަށް ވިދާޅުވެފައެވެ. ތުރުކީގެ މީޑިއާ އާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ، މި ފިޔަވަޅުތަކަށް ރައީސް އުރުދުޣާން ދެކޮޅު ހެއްދެވުމުގެ އިތުރުން، އެ ފިޔަވަޅުތަކާ މެދު ގަތަރުން ދިން ރައްދަށް އެމަނިކުފާނު މަރުހަބާވެސް ވިދާޅުވި ކަމަށެވެ.
މަސްރަހް ފިނިކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޓިލަސަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މަސްރަހް ގޯސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައެއް ވާހަކަފުޅުތަކާއި އަމަލުފުޅުތައް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަން މީޑިއާ ރިޕޯޓުތަކުގައިވަނީ ފާހަގަ ކޮށްފައެވެ. ރައީސް ޓްރަމްޕް ގެންދަވަނީ ސައުދީ އަރަބިއްޔާގެ ވިސްނުމާ ސިޔާސަތައް ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތް ދައްކަވަމުންނެވެ. އަނެއް ކޮޅުން ޚާރިޖީ ވަޒީރު ޓިލަސަން ގެންދަވަނީ ވަކި ފަރާތަކަށް ޖެހިވަޑައިނުގަނެ، މަސްރަހް ފިނިކުރެއްވުމަށް މަސައްކަތް ކުރައްވާ ފަރާތެއްގެ ގޮތުގައި ދައްކަވަމުންނެވެ.
ޓިލަސަން ދެކެވަޑައިގަންނަވާ ގޮތުގައި ގަތަރަށް ކުރިމަތި ކުރުވި ބައެއް ޝަރުތުތަކަކީ އެއަށް އަމަލު ކުރަން ފަސޭހަ ކަންކަމެއް ނޫނެވެ.
ޓިލަސަން ވިދާޅުވީ، ބައެއް ޝަރުތުތައް ތަންފީޒް ކުރަން ގަތަރަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ގަބޫލުފުޅު ކުރެއްވުނު ނަމަވެސް މަޝްވަރާގެ މޭޒުދޮށަށް ގޮސް ހުރިހާ ގައުމުތަކުން ވާހަކަ ދެއްކުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގަތަރުން ގަބޫލު ކުރަނީ، ޓެރަރިޒަމްގެ ނަމުގައި ގަތަރަށް އެޅި ފިޔަވަޅު ތަކަކީ، ޒަމާނުއްސުރެ ގަތަރާ އެ ގައުމުގަކުގެ ސިޔާސަތުތަކާ ހުރި ތަފާތު ތަކެއްގެ ނަތީޖާ ކަމަށެވެ.
ގަތަރަކީ ޓެރަރިޒަމް އަށް ވާގިވެރިވާ ގައުމެއް ކަމަށް ބުނެ ބައެއް ގައުމުތަކުން އެގައުމާ އޮންނަ ގުޅުން ކަނޑާލީ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ވައިގެ މަގުންނާއި އެއްގަމު އަދި ކަނޑުގެ މަގުން ގަތަރަށް ދަތުރުކުރެވޭނެ މަގުތައް އެގައުމުތަކުން ވަނީ ބަންދުކޮށްފައެވެ.
ގަތަރަށް ކުރިމަތި ކުރި ޝަރުތުތަކާ ބެހޭ ގޮތުން މި ދިޔަ ހޮނިހިރު ދުވަހު އެ ގައުމުން ބުނެފައިވަނީ އެއީ ބުއްދި ގަބޫލު ކުރާ ޝަރުތުތަކެއް ނޫން ކަމަށާއި، އެއީ އެގައުމުގެ އިސްތިގްލާލަށް އަރައިގަތުން ކަމަށެވެ. އަދި ގަތަރުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުން "އައުޓް ސޯސް" ނުކުރާނެ ކަމަށްވެސް އެ ގައުމުން ބުނެފައިވެއެވެ.