އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން އޮޑި ދޯނި ފަހަރު ބަލާ ފާސްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 84 އުޅަނދު ޗެކްކޮށްފައިވާ ކަމަށް އެމްއެމްޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްގެ މީޑިޔާއިން ހާމަކުރި ގޮތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަ ކުރެވިފައިވޭތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިހާތަނަށް ސަލާމަތީ ކަންކަން ފުރިހަމަ ނުވާތީ ފަސް އުޅަނދެއް ދަތުރުކުރުން ހުއްޓުވާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގެ އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި އަދި އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގައި ބަނދަރު ސަރަހައްދުންނާއި ކަނޑުމަތިން އުޅަނދުތައް ބަލާ ފާސްކުރުމަށް ހަމަޖެހިފައިވާއިރު، އެމްއެންޑީއެފްގެ އޭރިއާތަކުގައި ޤާއިމުކުރެވިފައިވާ ކޯސްޓްގާޑް ސްކޮޑްރަންތަކުން އޭރިއާގައި ހިމެނޭ ރަށްތަކުގެ އުޅަނދުތައް ޗެކްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ފެށި މި ޕްރޮގްރާމަކީ ފިޠުރު އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ރައްޔިތުން ކަނޑުމަގުން ދަތުރު ކުރާ ދުވަސްވަރެއްކަމުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިޕްރޮގްރާމް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.