ކ. މާލެ
|
7 ޑިސެންބަރ 2022 | ބުދަ 06:35
މާފުށީ ޖަލު
މާފުށީ ޖަލު
ޓްވިޓަރ
މާފުށި ޖަލު ބަލައި ފާސްކުރުން
ސްކޭމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބިގެން މާފުށީ ޖަލު ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
މިއީ ސަލާމަތީ ޚިދުމަތްތައް ގުޅިގެން ހިންގާ އޮޕަރޭޝަނެއް

ސްކޭމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބިގެން މާފުށީ ޖަލު ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ އަންގާރަ ދުވަހުގެ ރޭއެވެ. އޮޕަރޭޝަން ފަށާފައިވާކަން އިއުލާނުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރި ޓްވީޓެއްގައި ބުނީ އެ އޮޕަރޭޝަން ހިންގަނީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާއި ގުޅިގެން ކަމަށެވެ.

މި އޮޕަރޭޝަން ކުރިއަށްގެންދަނީ ކަރެކްޝަންސް އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި މާފުށީ ޖަލު ބަލައި ފާސްކުރާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މާފުށީ ޖަލުގައި ސަލާމަތީ ޚިދުމަތްތަކުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު ރާއްޖޭގައި ހިންގާ ގިނަ ސްކޭމްތައް ޖަލުގައި ބަންދުގައި ތިބޭ ގައިދީން ހިންގާކަމުގެ ތުހުމަތުތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، ވަގަށް ޖަލަށް ފޯނުތައް ވައްދައިގެން މީހުން އަތުން ފައިސާ ފޭރުމުގެ ކަންކަން ޖަލުގެ ތެރެއިން ކުރަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ސްކޭމްގެ މައްސަލަތައް އިތުރުވުމުގެ ސަބަބުން އެކަން ހުއްޓުވުމަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުން އިސްނަގައިގެން ވަނީ "100 ޑޭސް އެކްޝަން ޕްލޭން" އެއް ވެސް ފަށައިފައެވެ. މި ޕްލޭނަކީ ބެންކުތަކާއި މުއައްސަސާތަކާ އަދި ކުންފުނިތަކުގެ ނަމުގައި ފޯނުން ގުޅައިގެންނާއި ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އޮޅުވާލައިގެން ގިނައަދަދެއްގެ ފައިސާ ނަގަމުންގެންދާ މައްސަލަތައް މި އަހަރު އިތުރުވަމުން ދިއުމާއި ގުޅިގެން 100 ދުވަހުގެ މުއްދަތަށް އެކުލަވާލައިގެން ހިންގާ އެކްޝަން ޕްލޭނެކެވެ. 

މި އެކްޝަން ޕްލޭންގައި މައިގަނޑު 8 ހަރަކާތެއް ހިމަނާފައިވެއެވެ. އެގޮތުން ސްކޭމް ކޯލް ނުވަތަ އޮޅުވާލައިގެން ފައިސާ ހޯދުން މަދުކުރުމަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެއްލައްކަ މީހުންނަށް ފޭސްޓުފޭސް ރީޗްވުމާއި، ޕޯސްޓަރސް، ލީފްލެޓް، އަދި ފްލަޔަރ ބެހުމާއި، ޓީވީ އިޝްތިހާރު ތައްޔާރު ކުރުމާއި، އެސް.އެމް.އެސް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް މެސެޖު ފޮނުވުން ހިމެނެއެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކުރާ ފުލުހުންގެ ތަހުގީީގު އަވަސްކޮށް އެއް މިސްރާބަކަށް ތަހުގީގު ބައްޓަންކުރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ. 

އޭގެ އިތުރުން، ދީނީ ދަރުސްތަކާއި ފޯރަމްތަކުގައި ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުމާއި ޖަލުތަކުގައި ހިންގާ ސްކޭމް ކޯލާ ގުޅުންހުރި ކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުން މި އެކްޝަން ޕްލޭންގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް