މިއީ އޭނާގެ ކުރިމަގުގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
އެންރީކޭ މިހެން ބުނީ މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތުން ސްޕެއިން ކެޓުމާ ގުޅިގެން އޭނާގެ ކުރިމަގުގެ ސުވާލުތައް އަމާޒުވާން ފެށުމުންނެވެ. މުބާރާތުގެ ގަދަ 16 ގައި މޮރޮކޯ އަތުން ސްޕެއިން ބަލިވީ ޕެނަލްޓީގައެވެ. އޭގެ ކުރިން ވެސް އެންރީކޭގެ ކުރިމަގާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދަން ފަށާފައެވެ. އެގޮތުން ވޯލްޑް ކަޕަށްފަހު އޭނާ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ހަވާލުވާނެ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.
މޮރޮކޯ މެޗަށްފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ މިއީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަން އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ މަޝްވަރާތައް ކުރުން އަންނަ ހަފްތާގައި ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މޮރޮކޯ އަތުން ބަލިވެ ސްޕެއިން ކެޓުމުގެ ޒިންމާ އޭނާ ފުރިހަމަ އަށް ނަގާނެ ކަމަށެވެ.
އެންރީކޭ ބުނީ އެންމެ ފުރަތަމަ ޕެނަލްޓީ ޖަހާނެ ތިން ކުޅުންތެރިންނަކީ ވެސް އޭނާގެ ހޮވުމެއް ކަމަށެވެ. އަދި އެ ކުޅުންތެރިން ހޮވަން ޖެހުނު ސަބަބަކީ އެއީ ޚާއްސަ ކުޅުންތެރިންތަކަކަށް ވުމުން ކަމަށެވެ. އަދި އެ ތިން ކުޅުންތެރިން ފިޔަވައި ދެން ތިބި ކުޅުންތެރިން ކަނޑައެޅީ ޓީމުންކަން ފާހަގަ ކުރަމުން އެންރީކޭ ބުނީ، ނަމަވެސް ހަތަރު ވަނަ ކުޅުންތެރިޔާއާ ހަމައަށް ނުދާ ކަމަށެވެ. އޭނާ ބުނީ މޮރޮކޯގެ ގޯލް ކީޕަރަކީ ވަރަށް ތަފާތު މޮޅު ކީޕަރެއް ކަމަށެވެ.
މީގެ ކުރިން އެންރީކޭ ބުނެފައިވަނީ ވޯލްޑް ކަޕްގެ ނަތީޖާއަކާ އޭނާގެ ކުރިމަގާ މެދު ގުޅުމެއް ނޯންނާނެ ކަމަށެވެ. އޭނާ ބުނީ ސްޕެއިންނާ ހަވާލުވެ ކުރަމުން އަންނަނީ ޒުވާން މޮޅު ޓީމެއް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ. ސްޕެއިންގެ ކޯޗުކަމަށް އެންރީކޭ ހަމަޖެއްސީ 2018 ވަނަ އަހަރުއެވެ.