މެކްސިކޯގެ ވެރިރަށުގެ މެދުތެރޭގައި ހުންނަ ޒުލަކަށް ގެނައި ކަޅުކުލައިގެ ކުޑަ ޖެގުއަރ އަކަށް ވަނީ އެތަނަށް އަންނަ މީހުންގެ ސަމާލުކަން އަމާޒުވެފައެވެ.
4 މަހުގެ މި ޖެގުއަރ އަށް އަދި މިހާތަނަށް އައި އިރު ނަމެއް ދީފައެއް ނުވެއެވެ. ވިހެއުމަށްފަހު ކުޑަ ޖެގުއަރގެ މަންމަ އެފްރިކާ، އޭތީގެ ދަރި ރިޖެކްޓް ކުރުމުން، ނުވަތަ ނުބަލާ ދޫކޮށްލުމުން އޭނާ ބަލަމުން ގެންދިޔައީ މެކްސިކޯގެ ޗަޕުލްޓެޕެކް ޒުލުގެ މުވައްޒަފުންނެވެ.
މި ހާލަތާއެކުވެސް ކުޑަ ޖެގުއަރގެ ހާލަތު ވަރަށް ރަނގަޅު ކަމަށާއި، ރަނގަޅަށް ކާ ކަމަށް، ޑިޕާޓްމަންޓް އޮފް ޒޫސް އެންޑް ވައިލްޑްލައިފް ކޮންސަރވޭޝަންގެ ޑިރެކްޓަރ އޮފް ކޮންސަރވޭޝަން އެންޑް އެނިމަލް ވެލްފެއަރ ރަފެއަލް ޓިނަޖެރޫ ވަނީ ބުނެފައެވެ.
ޓިނަޖެރޫ ބުނާގޮތުން ވަރަށް އަވަހަށް ކުޑަ ޖެގުއަރ ބަގީޗާ އަދި އެހެނިހެން ޒުލަށް ވެސް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެހެން މީހުންނާ އެކު އުޅެން ދަސްކޮށްދިނުމާއި، ތަންތަނަށް އެރުމާއި ޖެގުއަރ އެއް ގުދުރަތީގޮތުން ދަސްވެފައި ހުންނަ ކަންކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.
މީތި އުފަންވި އިރު ބަރުދަނުގައި ހުރީ 800 ގްރާމް. އެކަމަކު މިހާރު އޭތި ގައިގައި 11 ކިލޯ ހުރޭ. އެއީ ކުޑަކުޑަ ޖެގުއަރ އެއް ނަމަވެސް އޭތި ވަރަށް ބަރު. އޭތި ސިއްހީގޮތުން ރަނގަޅު، ވަރަށް ރަނގަޅު. އެއަށްދޭ ކާނާ ބަރާބަރަށް ކައި ހަދާ، އަދި ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް. އެކަމަކު މިއީ އިންސާނުންގެ އެހީތެރިކަމާއެކު ބަދަލުތަކެއް ގެނެސްގެން ވިއްސާފައިވާ އެއްޗެއް. އެހެންވީމާ އޭގެ އާއިލާގެ އެހެން އެއްޗެހިތަކާއެކީގައި އުޅެން ދަސްކޮށްދިނުމާއި މިކަންކަން ދަސްކޮށްދޭންޖެހޭ. އެހެންނަމަވެސް މިހާރު މަސައްކަތް މިކުރަނީ އޭތި ބަގީޗާތަކުގެ ތެރެއަށް ދޫކޮށް އެހެން އެޗެއްސާއެކު އުޅެން ދަސްކޮށްދީ ތަންތަނަށް އަރާ އޭގެ ގުދުރަތީ މާހައުލުގައި އުޅޭގޮތް ދަށްކޮށްދޭން.ޑިޕާޓްމަންޓް އޮފް ޒޫސް އެންޑް ވައިލްޑްލައިފް ކޮންސަރވޭޝަންގެ ޑިރެކްޓަރ އޮފް ކޮންސަރވޭޝަން އެންޑް އެނިމަލް ވެލްފެއަރ ރަފެއަލް ޓިނަޖެރޫ
ޖެގުއަރ އަކީ އެމެރިކާގެ ބުޅަލުގެ އާއިލާގެ އެންމެ ގިނަ ވައްތަރެވެ. މެކްސިކޯގައި ޖެގުއަރ އަކީ ހިމާޔަތްކުރެވިފައިވާ ޖަނަވާރެކެވެ.
ރަސްމީ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެގުއަރތަކުގެ އާބާދީ ބޮޑުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ރަނގަޅުވެ 2018 ވަނަ އަހަރު 20 އިންސައްތައިގެ ކުރި އެރުމެއް ވަނީ ލިބިފައެވެ. މެކްސިކޯގެ ޖަންގަލިތަކުގައި 4000 އެއްހާ ޖެގުއަރ އުޅޭކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.
މެކްސިކޯގެ ޖެގުއަރގެ އާބާދިއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމީހުންގެ ގުދުރަތީ މާހައުލު ނެތިގެންދިއުމާއި ޝިކާރަކުރުމެވެ.