ޗައިނާގެ ޑިމޮކްރަސީއާ ދުރު ސަރުކާރަށް ފާޑުކިޔުމުގެ ސަބަބުން މަޝްހޫރުވެގެން ދިޔަ ލިޔު ޝިއަބޯ މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފިއެވެ.
މޭގެ ކެންސަރު ޖެހިފައިވާ ޝިއަބޯ ވަނީ މިހާރު ބަލީގެ އެންމެ ފަހު ސްޓޭޖުގައި ކަމަށްވާއިރު އޭނާ މިހާރު އޮތީ ޗައިނާ މެޑިކަލް ޔުނިވާސިޓީގައެވެ. އަދި ޝިއަބޯގެ ހާލު ސްޓޭބަލް ކަމަށް އޭނާގެ ލޯޔަރު ބުނެއެވެ.
ހޮސްޕިޓަލުގައި އޮތް ޝިއަބޯ އަށް ޒިޔާރަރް ކުުރުމުގެ ހުއްދަ އޮތް ކަމެއް އަދި ނޭގެއެވެ.
ޝިއަބޯ އަކީ ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިއާއެވެ. އޭނާގެ މައްޗަށް ދައުވާ ކުރެވި 11 އަހަރަށް ޖަލަށް ލެވުނީ ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގަައި ކަމަށްވާއިރު އޭނާ އަށް ހުކުމް ކުރެވުނީ 2009 ގައެވެ. އޭގެ އެއް އަހަރު ފަހުން ނޯބެލް ސުލްހައިގެ އިނާމު ލިބުނު ޝިއަބޯ ގެ މައްޗަށް ދައުވާ ކުރެވުނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ޗައިނާގައި ދިރުވުމަށް އެދި ގޮވާލާ ލިޔުންތަކެއް ލިޔެ ބަހާ ހެދުމުގެ ސަބަބުންނެވެ.
މެއި 23 ގައި ޝިއަބޯ އަށް މޭގެ ކެންސަރު ޖެހިފައިވާ ކަމަށް އެނގުނުއިރު ޝިއަބޯގެ ކުރެވުނު ހުކުމުގައި ބާކީ އޮތީ ދެން ތިން އަހަރެވެ.
ޖަލު ބަންދުގައި ހުރުމުގެ ސަބަބުން ޝިއަބޯ އަށް ލިބުނު ނޯބެލް ސުލްހައިގެ އިނާމު ބަލާ އޭނާއަށް ނުދެވޭ އިރު ރިޕޯޓުތައް ބުނާ ގޮތުން އޭނާ އަށް އިނާމާ އެކު ލިބުނު 1.4 މިިލިއަން ޑޮަލަރުގެ ފައިސާ ވެސް ހޯދާފައެއް ނުވެއެވެ.