އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ވެސްޓް ބޭންކަށް ގަދަވެނުގަތުމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އެ ގައުމުގެ ކިބައިން އެދިއްޖެއެވެ.
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ބާރުވެރިކަމަށް ވަޑައިގަތުމަށް ތައްޔާރުވެފައި ވާއިރު ނަތަންޔާހޫ ވަނީ ޒަޔަނިސްޓް ޕާޓީތައް ހިމެނޭހެން ކޯލިޝަން އެއްބަސްވުންތަކެއް ހައްދަވާފައެވެ. އެއާއެކު ފަލަސްތީނުން ވަނީ ގަވާއިދާއި ހިލާފަށް ވެސްޓް ބޭންކާއި ޖެރޫސަލެމްގެ އިތުރު ސަރަހައްދު ތަކެއްގައި އިސްރާއީލުން މީހުން ވަޒަންވެރިކުރުވަން މަސައްކަތްކުރުމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ. މިފަދައިން މީހުން ފަލަސްތީނުގެ ބިމުގައި ވަޒަންވެރިކުރުވުމަކީ ބައިނަލްއަގުވަމީ ގަވާއިދުތަކާއި ވެސް ޚިލާފު ކަމެކެވެ. އަދި އެ މަސައްކަތުގެ ތެރެއިން ފަލަސްތީނާއި އިސްރާއީލް ސުލްހަ ކުރުމަށް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާނެއެވެ.
އެހެންނަމަވެސް އިސްރާއީލުގެ ޒަޔަނިސްޓުން ދަނީ ފަލަސްތީނުގެ ދައުލަތާއި ދެކޮޅު ހަދަމުންނެވެ. އަދި ވެސްޓް ބޭންކުގައި މީހުން އާބާދުކޮށް ވަޒަންވެރިކުރުވުމަށް ވަކާލާތުކުރަމުންނެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހެދުމުގެ އުންމީދު އަދިވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގެންގުޅުއްވާކަމަށް ބްލިންކަން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސުލްހައަށް ބުރޫ އަރާފަދަ އަމަލުތަކާއި އެމެރިކާ އިން ދެކޮޅު ހަދާނެ ކަމަށް ވެސް ބްލިންކަން ވަނީ ވިދާޅުވެފައެވެ.