ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ވާގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމުގައި ބަލަނީ ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖްތަމަޢުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެންމީހުންނެކޭ އެއްފަދައިން ހުރިހާ ޙައްޤުތައް ލިބިދޭންވާނެއެވެ. އެ ޙައްޤުތައް ފޯރުކޮށްދިނުމުގައި ނަސްލަށް، ކުލައަށް، ޖިންސަށް، ބަހުރުވައަށް، ދީނަށް، ސިޔާސީ ނުވަތަ ސިޔާސީ ފިކުރަކަށް، ގައުމަށް ނުވަތަ ތަނަވަސްކަން ހުރިމިންވަރަށް ބަލައިގެންނުވާނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންގެ އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރުމުގެ ޙައްޤު، އެ މީހުންނަށް ލިބިގެންވެއެވެ. ހަމައެހެންމެ، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ލިބިގެންވެއެވެ.
ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުަވަސް ފާހަގަ ކުރުމުގެ ގޮތުން ގޭބިސީގެ އާމްދަނީ އާއި ޙަރަދުކުރުން ހުރިގޮތުގެ ސާރވޭ 2019އިން އާއްމުކުރެވިފައިވާ މައުލޫމާތު ދައްކާ ގޮތުން ދިވެހި އާބާދީގެ 9 އިންސައްތަ މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. ނުވަތަ އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. ދިހަ އަހަރުން މަތީގެ ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ 90 އިންސައްތަ މީހުން ދިވެހިބަހުން ލިޔަންކިޔަން ދަނެއެވެ. ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ގިނައިން ކުރަނީ އަމިއްލަ މަސައްކަތްތެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނުންގެ ތެރެއިން ގިނައީ ވަޒީފާ އަދާކުރާ މީހުންނެވެ.
ޑިސެމްބަރު ތިންވަނަ ދުަވަހު ރާއްޖޭގައި މިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކޮށްފައެވެ. ހިތާމައަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ އެހީގެ ނާޖާއިޒް ފައިދާ އަދިވެސް ބައެއް މީހުން ނަގަމުންދާކަމެވެ. ބައެއް ފަރާތްތަކުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީ އަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތުގެ އާއިލާގެ އާމްދަނީ އެއްކަަމަށް ދެކެއެވެ. އަދި އަނެއްބައި ފަހަރު އެމީހާ އަކީ ނުކުޅެދުންތެރިކަން ނެތް މީހެއް ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ދައްކާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ ފައިސާ ސަރުކާރުން ހޯދަމުން ދެއެވެ.
ރާއްޖޭގެ ރަށެއްގައި ހިނގައި ދިޔަ ކަމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެފަދަ މީހުން އެއްތަންކޮށް ފޮޓޯ ނެގުމަށް ކަމާއި ގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރިއެވެ. އެގޮތުން ލިސްޓުގައި ތިބި އެންމެންނަށް ވެސް ދައުވަތު ދިނެވެ. ލިސްޓުގައި ނުކުޅެދުންތެރިއެއްކަމަށް ހެދިގެން ހުރި މީހަކު ވެސް ހުއްޓެވެ. އެމީހާ އަންނަނީ ކޮންމެ މަހަކު ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތްތައް ހޯދަމުންނެވެ.
ނުކުޅެދޭ ސަބަބެއް ކަމަށް ދެއްކީ ކަންފަތް ބީރުވުމެވެ. މި މީހާ ހެދި ދޮގު ފަޅާ އަރާފާނެތީ ފޮޓޯ ނަގާކަށް ވެސް ނުދިޔައެވެ. އެމީހާ އިނީ ފިލައެވެ. މިފަދައިން އޮޅުވާލައިގެން ފައިސާ ހޯދަމުންދާއިރު މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރެވޭ ބޭއިންސާފެކެވެ. އެމީހުންނަށް މިހާރުވެސް ލިބޭ އިނާޔަތްތައް ކުޑަވެގެން އެކަން ސަރުކާރަށް ވެސް ވަނީ ހުށަހަޅާފައެވެ. ތިމާ ގައިގައި ނެތްކަމެއް ހުރިކަމަށް ދަައްކާ މިގޮތަށް ފައިސާ ހޯދުމަކީ ވަރަށް ގޯސް އަމަލެކެވެ.