މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މޮރޮކޯ އިން ވަނީ އެމީހުންގެ ފެންވަރު ދައްކައިދީފައި ކަމަށް ސްޕެއިންގެ ޑިފެންޑަރު ރޮޑްރީ ބުނެފިއެވެ.
އޭނާ މިހެން ބުނީ މުބާރާތުގެ ގަދަ 16 ގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ޖަޕާން މެޗުގައި އެ ޓީމުން ފަހަތުން އަރާ ދެ ލަނޑު ޖެހުމަކީ އެންމެން ވެސް ބުނާ ފަދައިން ސްޕެއިން އަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމެއް ކަމަށެވެ. އަދި މުބާރާތްތަކަށް އަންނަނީ އެކަންކަމާ ކުރިމަތިލާން ޖެހޭނެކަން އެނގިގެން ކަމަށާއިި، އެ މެޗުގެ ސަބަބުން ސްޕެއިން އަަށް އެތައް ކަމެއް އެނގިގެން ވެސް ދިޔަ ކަމަށެވެ. އަދި އެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް މިހާރު ޓީމު އޮތީ އެކަމުން އަރައިގަނެ، ރަނގަޅަށް ތަމްރީނުކޮށް، ރަނގަޅު ހާލަތެއްގައި ކަމަށެވެ.
މީގެ އިތުރުން ރޮޑްރީ ބުނީ މުބާރާތުގެ ކޮންމެ މެޗެއް ވެސް ބަލަމުން އަންނަ ކަމަށާއި، މޮރޮކޯ އިން ވަނީ އެމީހުންގެ ފެންވަރު ސާބިތުކޮށްދީފައި ކަމަށެވެ. އެގޮތުން އެ ޓީމު އޮތީ އުނދަގޫ ގްރޫޕެއްގައިކަން ފާހަގަ ކުރަމުން އޭނާ ބުނީ، އެ މީހުން އެ ގްރޫޕްގެ އެއް ވަނަ ހޯދީ މޮޅަށް ކުޅެގެން ކަމަށެވެ. އަދި ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ބެލްޖިއަމް މުބާރާތުން ކަޓަން ޖެހުނު ސަބަބަކީ ވެސް މޮރޮކޯ ކަމަށެވެ. މޮރޮކޯގެ ޓީމުގައި މޮޅެތި ހުނަރުވެރި ކުޅުންތެރިން ތިބިކަން ފާހަގަ ކުރަމުން އޭނާ ބުނީ، ޓީމެއްގެ ގޮތުގައި ވެސް އެމީހުންނަކީ ވަރުގަދަ ބައެއް ކަމަށެވެ. އެހެންކަމުން މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށްވާނެކަމަށާއި އެއީ ސްޕެއިން އަށް މުބާރާތުގައި ބޮޑު ދުވަހެއް ކަމަށެވެ.
މުބާރާތުގެ ގަދަ 16 ގައި ސްޕެއިން އިން މޮރޮކޯއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.