އެކި ސަބަބުތަކާހުރެ މިހާރު ދުނިޔޭގެ އިގްތިސާދު ދަށަށް ދިޔަ ނަމަވެސް ރާއްޖޭގެ އިގްތިސާދު ދާނީ ރަނގަޅުވަމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ.
މަރުކަޒީ ބޭންކުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއަހަރު ރާއްޖޭގެ އިގްތިސާދު 12.3 އިންސައްތަ ކުރިއަރާނެއެވެ. މިއާއެކު ރާއްޖޭގެ އިގްތިސާދު ކޮވިޑް-19ގެ ކުރިން އޮތް ވަރަށް މިއަހަރު ނިމެންވާއިރަށް ރިކަވާ ކުރެވޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ދުނިޔޭގެ އިގްތިސާދަށް ބަލާއިރު މިއަހަރު ރިކަވަރީ ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރު އިގްތިސާދު ކުރިއަރާ މިންވަރު އެއަށްވުރެ ވެސް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން އުފެއްދުންތެރިކަމުގެ ނިސްބަތް މިއަހަރު 3.2 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރާއިރު އަންނަ އަހަރު އަދަދު 2.7 އިންސައްތައަށް ވެއްޓޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ދުނިޔޭގެ އިގްތިސާދަށް ހީނަރުކަން އައިސްފައިވަނީ ޗައިނާއިން ގެންގުޅޭ "ޒީރޯ ކޮވިޑް" ޕޮލިސީތަކާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ. އަދި ބައެއް ޤައުމުތަކުން ތަކެތީގެ އަގު މައްޗަށް ދިއުމާ ގުޅިގެން ގެންގުޅޭ ހަރުކަށި މަނިޓަރީ ޕޮލިސީތަކަކީ ވެސް މީގެ ސަބަބެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ދުނިޔޭގެ އިގްތިސާދަށް އަންނަ މި ހީނަރުކަމާއެކު ވެސް ރާއްޖޭގެ އިގްތިސާދު މިއަހަރު ނިމޭއިރު 12.3 އިންސައްތަ ކުރިއަރާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރަނީ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެފައިވާތީއެވެ. އެގޮތުން، ކޮވިޑުގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރިވަރަށް މިހާރު ފަތުރުވެރިން ޒިޔާރަތް ކުރާއިރު ރާއްޖޭގެ އެ ފަރާތްތަކުން ހޭދަ ކުރާ ދުވަސްތަަކުގެ އަދަދުވެސް 33 އިންސައްތަ އިތުރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖެގެ ފަތުރުވެރިކަމުގެ ދާއިރާ މިހާރު އޮތް ހާލަތަށް ބަލައި އަންނަ އަހަރު އެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ. މިއާއެކު އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 7.6 އިންސައްތަ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ ކޮވިޑުގެ ކުރިން އެވްރެޖުކޮށް އިގްތިސާދު ކުރިއަރަމުން އައި އެވްރެޖުވަރަށްވުރެ އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރި ނަމަވެސް ކަރަންޓް އެކައުންޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން 18 އިންސައްތައަށް މިއަހަރު އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެ އަދަދު މިދިޔަ އަހަރު ހުރީ 8 އިންސައްތައިގައެވެ. މިއީ ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވުމުގެ ސަބަބުން އަންނަ ބަދަލެކެވެ. އެގޮތުން، ދުނިޔޭގެ ބާޒާރަުގައި ތަކެތީގެ އަގަށް، ހާއްސަކޮށް ތެލުގެ އަގަށް އައި ބަދަލާއެކު މިއަހަރު އިމްޕޯޓަށް ކުރާ ޚަރަދު 3.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 2.4 ބިލިއަން އެމެރިކާ ޑޮލަރުގައެވެ.
ކަރަންޓު އެކައުންޓް ޑެފިސިޓް މިއަހަރު 18 އިންސައްތައަށް އެރި ނަމަވެސް ފަތުރުވެރިކަން ކުރިއަރާނެ މިންވަރަށް ބަލައި އެ އަދަދު އަންނަ އަހަރު 15 އިންސައްތައަށް ކުޑަ ކުރެވޭނެ ކަމަށް ވެސް އެމްއެމްއޭއިން ލަފާކުރެއެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު ކުޑަކޮށް ދަށްވެފައިވާކަން ފާހަކޮށްފައިވާއިރު މިއަހަރު ނިމޭއިރު އެވްރެޖުކޮށް އިންފްލޭޝަން ރޭޓު ހުންނާނީ 2.2 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރުން ފެށިގެން ޓެކުހަށް ގެންނަ ބަދަލުތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުުމުގެ ސަބަބުން އަންނަ އަހަރު އިންފްލޭޝަން ރޭޓު 5.4 އިންސައްތައަށް އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.