Advertisement
ކ. މާލެ
|
4 ޑިސެންބަރ 2022 | އާދީއްތަ 11:53
މ.މުލި
މ.މުލި
ސޯޝަލް މީޑިއާ
މ. މުލި
9 އަހަރު ފަހުން މުލިން ގޯތި ދޫކުރަނީ
މުލިން 135 ގޯތި ދޫކުރަން ވަނީ ނިންމާފައި
125 ގޯތި ރަށުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިންނަށް، 10 ގޯތި ރަށަށް ހިޖުރަކުރަން ބޭނުންވާ އެހެނިހެން ރަށްރަށުގެ މީހުންނަށް

މ. މުލިން ގޯތި ދޫނުކުރާތާ ނުވަ އަހަރުފަހުން އަނެއްކާވެސް ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

މުލީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ގަބުރުސްތާނުގެ ދެކުނުުން ފަސް ގޯއްޗާއި ރަށުގެ އިރުވައިފަރާތުގެ ބިމުން 130 ގޯތި ހިމެނޭހެން 135 ގޯއްޗެވެ. ކޮންމެ ގޯއްޗެއްގައި ވެސް 2000 އަކަފޫޓު ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

''މ.މުލިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު، 2022'' ގެ ދަށުން ދޫކުރަން ނިންމާފައިވާ 135 ގޯތީގެ ތެރެއިން 125 ގޯތި ހާއްސަ ކޮށްފައިވަނީ މުލީގެ ރައްޔިތުންނާއި މުލީގައި ދިރިއުޅޭ ރައްޔިތުންނަށެވެ. ބާކީ 10 ގޯތި ހާއްސަކޮށްފައިވަނީ މުލީގެ އާބާދީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން މުއްޔަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށެވެ.

މި ގޯތިތަކަށް އެދި މުލީ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލާފައިވާއިރު 12 ޖެނުއަރީ 2023 އާ ހަމައަށް ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައި އެ ކައުންސިލުން ފޯމު ބަލައިގަންނާނެއެވެ.

އާބާދީ އިތުރުކުރުމަށް ހިޖުރަ ކުރާ ފަރާތްތަކަށް 10 ގޯތި ދޭން ނިންމާފައިވާއިރު މި ގޯތި ލިބޭ ފަރާތްތަކުން ގޯތި ލިބޭތާ ފަސް މަސް ދުވަހުގެ ތެރޭގައި އެ މީހެއްގެ އަނބމީހާ ނުވަތަ ފިރިމިހާ އާއި 18 އަހަރު ނުވާ ދަރިން މުލީގައި ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ނުކޮށްފިނަމަ ގޯތި ކައުންސިލަށް ނަގާނެއެވެ. މި ކެޓަގަރީން ފޯމު ލެވޭނީ މުލީގައި ދުވަހަކުވެސް ދިރިނޫޅޭ ފަރާތްތަކަށާއި އެ ރަށުގައި ރަޖިސްޓްރީވެ އެއްވެސް އިރަކު އުނިވެފައިނުވާ ފަރާތްތަކަށް އެކަންޏެވެ.

Advertisement

މުލީ ކައުންސިލްގެ ރައީސް ޝައްމޫން ރަމީޒް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ 2018 ވަނަ އަހަރު ވެސް ގޯތި ދޫކުރަން ނިންމައި އެ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށާއި ނަަމަވެސް ގޯތިތައް ހަވާލު ކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަތަކެއްގެ ސަބަބުން އެކަން ހުއްޓުވުމުން ގޯތިތައް އަނބުރާ ނަގަން ޖެހުނީ ކަމަށެވެ. އެފަހަރު ކަންކަން ކޮށްފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާ ދިމާވި ކަމަށާއި ނަމަވެސް މިފަހަރު ހުރިހާ ކަމެއް ވެސް ކުރިއަށްގެންދާނީ އުސޫލާ އެއްގޮތަށް އިޖުރާއަތްތަށް ފުރިހަމަކޮށްގެން ކަމަށެވެ.

މުލީގައި އެއާޕޯޓު ތަރައްގީ ކުރަން ފަށާފައިވާއިރު އޭގެ ސަބަބުން ރަށުގެ ބިމުގެ ޑިމާންޑު ވަރަށް ބޮޑު ވެފައިވާ ކަމަށް ވެސް ޝައްމޫން ވިދާޅުވިއެވެ. އެގޮތުން، ރަށުން ބޭރު މީހުންނަށް ހާއްސަކޮށްފައިވާ 10 ގޯއްޗަށް އެދި ވެސް ގިނަ ހުށަހެޅުންތަކެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށްތަކުން ބަންޑާރަ ގޯތި ދޫކުރެވޭނީ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ހަދައި، އެ ޕްލޭން ފާސްވުމުންނެވެ. މުއްޔަކީ މި ޕްލޭން އެންމެ ފުރަތަމަ ނިންމައި ފާސްކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ އެއް ރަށެވެ. އެހެންކަމުން ގޯތި ދިނުމުގައި އެއްވެސް ދަތިތަކެއް ނެތި، އެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝައްމޫން ވިދާޅުވިއެވެ.

ގޯތި ދޫކުރުމުގެ މަސައްކަޔް ވިލަރެސްކޮށް ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލުމަށް ހަމަޖެހިފައިވާކަމަށް މުލީ ކައުންސިލުން ބުނެއެވެ. އަދި މި ކޮމިޓީގައި ކައުންސިލުގެ ދެ މެންބަރުންނާއި މުލީގެ އާއްމު ރައްޔިތުން ތަމްސީލު ކުރާ ދެ މެންބަރުންނާއި ކައުންސިލްގެ މުނިސިޕަލް ސެކްޝަންގެ ހެޑާއި ކައުންސިލުން ކަނޑައަޅާ އެ އިދާރާގެ މުވައްޒަފަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރަކާއި މުލީގެ މުއައްސަސާތައް ތަމްސީލު ކުރާ ތިން މެންބަރުން ހިމެނޭނެކަމަަށް ވެސް އެ ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް