ކޮވިޑާއި ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކަށް ޗައިނާ އިން ލުއި ދޭން ފަށައިފިއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގްގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ވަނީ ދީފައެވެ. ޗައިނާ އިން މިހާރު ދަނީ ބައްޔަށް ޓެސްޓު ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ވެސް ލުއިދޭން މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ މީހަކާ އެއްތަން ވެފައިވާ މީހުންނަށް އަމިއްލަ ގޭގައި ކަރަންޓީނު ކުރުމުގެ ފުރުޞަތު ދިނުން ވެސް ހިމެނެއެވެ. މީގެ ކުރިން އެ ފަދަ މީހުން ކަރަންޓީނު ކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ތަންތަނެއްގައެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންގުޅޭ "ޒީރޯ ކޮވިޑް" ސިޔާސަތުގެ ދަށުން ޗައިނާގެ ސަރުކާރުން ދަނީ ކޮވިޑް ބަލީގެ ކޭސްއެއް ފެންނަ ކޮންމެ ސަރަޙައްދެއް އަދި ރަށެއް ފުރަބަންދު ކުރަމުންނެވެ. އަދި، އެ ތަނެއްގެ ހުރިހާ ރައްޔިތުން ޓެސްޓު ކުރުމުގެ އިތުރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައެވެ.
ފިޔަވަޅުތަކަށް ލުއިދޭން ނިންމުމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ ޗައިނާއަށް މަރުޙަބާ ކިޔާފައެވެ. ނަމަވެސް، އެ ޖަމުޢިއްޔާއިން ވަނީ ފިޔަވަޅުތަކަށް ލުއި ދިނުމުގައި މެދުމިދުގެ ސިޔާސަތުތަކެއް އިސް ކުރުމަށް އެދިފައެވެ.
ޗައިނާ ސަރުކާރުން ފިޔަވަޅުތަކަށް ލުއި ދީފައިމިވަނީ ޝީންޖިއާންގް ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެޕާޓްމަންޓްތަކެއްގައި ބަޔަކު ތާށިވެގެން މަރުވުމާއި ގުޅިގެން ޗައިނާގެ ރައްޔިތުން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިހާރު ޗައިނާގައި ކުރިއަށް ދާ މުޒާހަރާތަކަކީ މީގެ އެތައް އަހަރެއް ކުރިން ޓިއަނަމަން ސްކޮއަރގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ ލޭ އޮހުރުވުން ބޮޑު މުޒާހަރާތަކަށް ފަހު، ސަރުކާރާ ދެކޮޅަށް ހިންގާ އެންމެ ވަރުގަދަ މުޒާހަރާތައް ކަމަށް މައުލޫމާތު ލިބެއެވެ.