ކ. މާލެ
|
3 ޑިސެންބަރ 2022 | ހޮނިހިރު 16:51
އީރާނާއި އެމެރިކާ ކުޅުނު މެޗުގެ ތެރެއިން
އީރާނާއި އެމެރިކާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ވައިޓް ހައުސްއިން ފެށިގެން މުޅި އެމެރިކާގެ އުއްމީދުތައް، ޓީމާއެކު
ފަހު މެޗުގައި އީރާން އަތުން މޮޅުވުމާއެކު އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައިވެސް އުފާފާޅުކުރި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދިއުމަށް މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް އެމެރިކާ ނުކުންނައިރު ޓީމު އޮތީ ވަރަށް ރަނގަޅު ރޫހެއްގައެވެ. ޚާއްސަކޮށް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އީރާން އަތުން މޮޅުވުމާއެކު އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓްސް ހައުސްގައިވެސް އުފާފާޅުކުރިއެވެ. ރައީސް ޖޯ ބައިޑެން އެދިވަޑައިގަތް ގޮތަށް ގައުމު ފަޚުރުވެރިކުރެވުނީ އީރާން ބަލިކޮށްގެންނެވެ.

ތަފާތު ސިޔާސީ ސަބަބުތަކާހުރެ އެމެރިކާގެ އެންމެ ބޮޑު ހަތުރަކަށްވެފައިވާ އީރާން ބަލިކުރަން ލަނޑު ޖެހީ ކްރިސްޓިއަން ޕުލިސިކްއެވެ. އޭނާއަށް އެ މެޗުގައި އަނިޔާވެ ފަރުވާ ދޭން ޖެހުނު ނަމަވެސް، މިރޭގެ މެޗުގައި ކުޅެވޭވަރަށް މިހާރު ހުރީ ގަދަވެފައެވެ. ކޯޗު ގެރްގް ބްރަހޯލްޓާގެ ޓީމުގައި ނުކުޅެވޭނެހެން ހީވާ ކުޅުންތެރިއަކަށް ހުރީ ފޯވަޑް ޖޯޝް ސާގެންޓްއެވެ. އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާ މުޅިން ރަނގަޅެއް ނޫނެވެ.

މިރޭގެ މެޗަށް ނުކުންނައިރު އެމެރިކާ ޓީމު ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުމަށް ބަލާއިރު، ފުރަތަމަ ހާފަކީ ވަރަށް ވާދަވެރި ހާފަކަށްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޚާއްސަކޮށް ޓީމުގެ އެންމެ ބަރާބަރަށް އެއް ފެންވަރެއްގައި ކުޅެމުން އަންނަ މިޑްފީލްޑް ލައިނުން މިރޭވެސް ނެދަލޭންޑްސްގެ މެދުތެރެ ރޫޅާލާނެ ހުރިހާ ގޮތެއް ރާވާނެއެވެ. ނަމަވެސް ދެ ވަނަ ހާފުގައި މިހާތަނަށް އެމެރިކާ ފެނިފައިވަނީ ފުރަތަމަ ހާފުގައި ދެއްކި ކުޅުން ތަކުރާރުނުކުރެވޭ ޓީމެއްގެ ގޮތުގައެވެ. ވޭލްސްއާއި އީރާނާ ދެކޮޅަށް އެމެރިކާ ފަހުހާފުގައި ފެނިފައިވަނީ ވަރަށް ޑިފެންސިވް ޓީމެއްގެ ގޮތުގައެވެ. މި ގޮތުން އީރާން މެޗުގެ ފަހު ފަސް މިނިޓްގައި ފަސް ޑިފެންޑަރުންނަށް ޓީމުގެ އެތުރުން ބަދަލުކުރުމަކީ ނެދަލޭންޑްސް ފަދަ ޓީމަކާ ދެކޮޅަށް ކުރޭއިރު އީރާނަށް ގޮންޖެހުންތަކެއް ހުރިކަން ދައްކުވައިދޭ ކަންކަމެވެ.

މި މެޗަށް ނުކުންނައިރު ނެދަލޭންޑްސް ފަދައިން އެމެރިކާއަކީވެސް މި ފަހަރުގެ މުބާރާތުގައި މާމޮޅަށް އެޓޭކިންގ ފުޓްބޯޅަ ކުޅެފައިވާ ދެ ގައުމެއް ނޫނެވެ. ދެ ޓީމުގެ ތަފާތަކީ ނެދަލޭންޑްސް ޓީމުގައި ކޯޑީ ގަކްޕޯ ހުރެފައި އެމެރިކާ ޓީމުގައި އެފެންވަރުގެ ކުޅުންތެރިއަކު ނެތުމެވެ. ކިރިޔާވެސް ހުރި ކުޅުންތެރިއަކީ ކްރިސްޓިއަން ޕުލިސިޗްއެވެ.

ގެރެގް ބްރަހޯލްޓާގެ ކޯޗުކަމުގައި އެމެރިކާއިން މައިގަނޑު ގޮތެއްގައި ކުޅެނީ 4-3-3 ފޯމޭޝަނަށެވެ. އިދިކޮޅުގައި ކޮންމެ ޓީމެއް އޮތަސް އެމެރިކާއަށް އެންމެ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެވި، އެންމެ ރަނގަޅަށް އެޓޭކް ރޭވިފައިވަނީވަނީ މި ފޯމޭޝަނަށެވެ. މިހެންވެ ނެދަލޭންޑްސްއާ ދެކޮޅަށްވެސް އެމެރިކާ ފަށާނީ ފަހަތުގައި ހަތަރު ޑިފެންޑަރުން ބައިތިއްބައިގެންނެވެ. ނަމަވެސް ކޯޗަށް އޮތް އެންމެ ބޮޑު މައްސަލައަކީ މި ފޯމޭޝަނަށް އެންމެ އެކަށީގެންވާ ފެންވަރުގެ 11 ކުޅުންތެރިންވެސް ހަމަނުވާތީއެވެ.

ދެން އޮތް ކަމަކީ ކީޕަރެއްގެ މައްސަލަ އެވެ. ގޯލަށް ކުޅެން ތިބީ މެންޗެސްޓަރ ސިޓީގެ ރިޒަރވް ކީޕަރާއި އާސެނަލްގެ ރިޒަރވް ކީޕަރެވެ. މީގެ ތެރެއިން ސިޓީން ލޯނު އުސޫލުން ދޫކޮށްފައިވާ ކީޕަރު ޖެކް ސްޓެފަންއަކީ ފަހަތުން ޓީމު ލައްވައި ކުޅުވައި ދިނުމުގައި ހުނަރުވެރި ކީޕަރެކެވެ. އެކަމަކު އާސެނަލްގެ ޓާނާގެ ސޭވްތައް މާގިނައެވެ.

- ކޮމެންޓް