މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލިއިރު އެންމެ ފޯރި ގަދަކޮށް ދެކެވުނު ވާހަކައަކީ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކައެވެ. މުބާރާތުގެ ތަށި މި ދެކުޅުންތެރިންގެ ތެރެއިން މީހަކަށް ލިބިދާނެތޯ ކުރެވޭ ބަހުސްއެވެ. މުބާރާތް ކުރިއަށް ދާއިރުވެސް ދެކެވެނީ މި ވާހަކަތަކެވެ. ޕެނަލްޓީއެއް ނާކާމިޔާބުވި ވާހަކައެވެ. އެހެން މީހަކު ޖެހި ލަނޑެއްގެ ކްރެޑިޓް ނަގަން އުޅުނު ވާހަކައެވެ.
ޔަގީނުންވެސް މިއީ މެސީގެ ފަހު ވޯލްޑް ކަޕެވެ. މުބާރާތުގެ ކުރިން އޭނާ ވަނީ އެކަން އިއުލާނު ކޮށްފައެވެ. ނަމަވެސް މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ކަމަށް އޭނަ ނުބުނެއެވެ. އެކަމަކު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ 37 އަހަރުގެ ރޮނާލްޑޯގެވެސް ފަހު ވޯލްޑް ކަޕެވެ. އެހެންކަމުން މި ދެކުޅުންތެރިންވެސް އަންނަނީ މުބާރާތުގެ ތަށި ކާމިޔާބު ކުރުމަށް މަރުދެމުންނެވެ. ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ދެކުޅުންތެރިންގެ ޓްރޮފީ ކެބިނެޓުން މަދުވަނީ ހަމައެކަނި ވޯލްޑް ކަޕް ޓްރޮފީއެވެ. މިއީ މި ދެކުޅުންތެރިންނަށް ވޯލްޑް ކަޕް ލިބުމަށް ގިނަ ބަޔަކު ބޭނުންވާ ސަބަބެވެ.
ކޮންމެއަކަސް މިކަން ހާސިލްވާން އޮތީ މި ދެކުޅުންތެރިންގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިއަކަށެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ނިމުނުއިރު ގިނަ ބަޔަކު އަންނަނީ މުބާރާތުގެ ބްރެކެޓް ހަދާ، ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އަދި މުބާރާތުގެ ކުރިއަށް ހުރި ހަރުފަތްތަކުގައި ބައްދަލުކުރަން ޖެހޭނެ ޓީމުތައް އަންދާޒާ ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އުންމީދު ކުރަމުން ދަނީ ޕޯޗުގަލްއާއި އާޖެންޓީނާ ވޯލްޑް ކަޕްގެ ފައިނަލުގައި ބައްދަލުކުރަން ޖެހޭނެ ކަމަށެވެ. ސުވާލަކީ ގަދަ 16ގެ މެޗުތައް އެތުރިފައިވާ ގޮތުން މިއީ ވެދާނެ ކަމެއްތޯއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާ މިރޭ ވާދަކުރަން ޖެހޭނީ ގްރޫޕް ޑީގެ ދެވަނައިގައި ދެވަނަ ބުރަށް ދަތުރުކުރި އޮސްޓްރޭލިޔައާއެވެ. އާޖެންޓީނާއަށް އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދިއްޖެ ނަމަ ކުއާޓާ ފައިނަލުގައި އެޓީމު ވާދަކުރަން ޖެހޭނީ ނެދަލެންޑްސް އަދި އެމެރިކާ ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ. އެމެޗުންވެސް އާޖެންޓީނާ މޮޅުވެއްޖެނަމަ ސެމީ ފައިނަލުގައި ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ ބްރެޒިލް ނުވަތަ ކްރޮއޭޝިޔާއާއެވެ. މިއީ އާޖެންޓީނާއަށް ކުރިއަށްދާން ބޮޑު ގޮންޖެހުމަކާއި ކުރިމަތިވާނެ ހިސާބެކެވެ. ނަމަވެސް އެމެޗު ކަމިޔާބުކޮށްގެން ފައިނަލަށް ދިއުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.
އަނެއްކޮޅުން ދެވަނަ ބުރުގައި ޕޯޗުގަލް ވާދަކުރަން ޖެހޭނީ ސްވިޒަލެންޑާއެވެ. މެޗު ކާމިޔާބުކޮށްގެން ކުއާޓާ ފައިނަލަށް ދަތުރުކުރެވޭނެއެވެ. ކުއާޓާގައި ވާދަކުރަން ޖެހޭނީ ސްޕެއިން އަދި މޮރޯކޯ ބައްދަލުކޮށްގެން މޮޅުވާ ޓީމަކާއެވެ. އެމެޗުންވެސް މޮޅުވެގެން ސެމީ ފައިނަލާއި ހަމައަށް ދަތުރުކޮށްފިނަމަ, ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ނުވަތަ އިންގްލެންޑާއި ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. އެމެޗުން މޮޅުވެގެން މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ޕޯޗުގަލްއަށް އެބައޮތެވެ.
އެހެންކަމަށް ވެއްޖެނަމަ ފައިނަލުގައި އާޖެންޓީނާ އާއި ޕޯޗުގަލް ބައްދަލުކުރަން ޖެހޭނެއެވެ. މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުން ފެންނާނެއެވެ. އަދި މީގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިއަކަށް ވޯލްޑް ކަޕްގެ ތަށީގައި އަތް ޖައްސާލެވޭނެއެވެ.