ފީފާ ވޯލްޑް ކަޕް ގަދަ 16 ގައި ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރުގަދަ ހަނގުރާމައެއް ކަމަށް އޮސްޓްރޭލިޔާގެ ކޯޗު ގްރަހަމް އާނޯލްޑް ބުނެފިއެވެ.
މުބާރާތުގެ ގަދަ 16 އަށް އޮސްޓްރޭލިޔާ ދަތުރުކުރީ ގްރޫޕް ޑީ ގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. އެ ގްރޫޕުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވިއިރު، ޑެންމާކު އަދި ޓިއުނީޝިޔާއާ ދެކޮޅަށް ކުޅުނު މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އާޖެންޓީނާ ގަދަ 16 އަށް ދިޔައީ ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ.
ޕްރެސްގައި ވާހަކަ ދައްކަމުން އޭނާ ބުނީ އާޖެންޓީނާ އަށް އެއްވެސް ވަރަކަށް ބޭއިހުތިރާމް ކުރަން ބޭނުންނުވާ ކަމަށެވެ. އާނޯލްޑް ބުނީ ހޮނިހިރު ދުވަހުގެ ރޭގެ މެޗަކީ 11 ކުޅުންތެރިން 11 ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ މެޗެއް ކަމަށާއި، އެއީ ރީނދޫ ޖާޒީ އާއި ނޫ ޖާޒީ ކުޅޭ މެޗެއް ކަމަށެވެ. އޭނާ ބުނީ އެއީ ވަރުގަދަ ދަތުރެއް ކަމަށާއި، އެ ދަތުރުގައި ހަނގުރާމަ ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އެކަމުގައި ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭނީ ފިޒިކަލީ އަދި މެންޓަލީ ވެސް ވަރުގަދަކޮށް ކަމަށެވެ. އާނޯލްޑް ބުނީ މެޗަށް ނިކުންނަން ޖެހޭނީ މުޅިން އައު ހިތްވަރަކާއެކު ކަމަށެވެ.
މީގެ އިތުރުން އާނޯލްޑް ބުނީ ކުރިން އޮސްޓްރޭލިޔާ އިން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު އިރު ވެސް ހުރީ ވަރުގަދަ ކުޅުމެއް ކުޅެފައި ކަމަށެވެ. އޭނާ ބުނީ އެ މެޗުތަކުގައި ވެސް ކުޅުންތެރިން ވަނީ ރަނގަޅަށް ކުޅެފައި ކަމަށާއި، ކުރިއަށް އޮތް މެޗުގައި ވެސް ނިކުންނަން ވާނީ މޮޅު ކުޅުމެއް ދައްކަން ކަމަށެވެ.
ޕްރެސްގައި ވާހަކަ ދައްކަމުން އޮސްޓްރޭލިޔާގެ ޑިފެންޑަރު ހެރީ ސޯޓާ ބުނީ އާޖެންޓީނާ މެޗަކީ އުނދަގޫ މަސައްކަތެއް ކުރަން ޖެހޭ މެޗެއްކަން އިނގޭ ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާގެ ކުޅުންތެރިންނަށް ފުރިހަަމަ އަށް އިހުތިރާމް ކުރާ ކަމަށާއި، މިއީ ވަކިވަކި ކުޅުންތެރިންގެ މަސައްކަތެއް ނޫން ކަމަށެވެ. އޭނާ ބުނީ އެ މަސައްކަތް ކުރަން ޖެހޭނީ އެންމެން އެކުވެގެން ކަމަށެވެ،
އާޖެންޓީނާ އަދި އޮސްޓްރޭލިޔާ ވާދަކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.