ފީފާ ވޯލްޑް ކަޕް މުބާރާތުގެ ގަދަ 16 ގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ނިކުންނާނީ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
ސްކަލޯނީ މިހެން ބުނީ އޮސްޓްރޭލިޔާ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ މެޗަށް ޓީމު ތައްޔާރުކަމަށާއި، ނަމަވެސް 48 ގަޑިއިރު ތެރޭގައި މެޗު ކުޅެން ޖެހުމަކީ ކޮންމެ ޓީމަކަށް ނަމަވެސް ކުރިމަތިވާނެ ބުރައެއް ކަމަށެވެ. ޚާއްސަކޮށް ވާދަވެރި މެޗުތަކެއް ކުޅެން ޖެހޭއިރު އެކަން އެގޮތަށް ވުމަކީ ޓީމަށް އަރާމުކުރަން ވަގުތު ނުލިބޭނެ ކަމެއް ކަމަށެވެ.
ސްކަލޯނީ ބުނީ އާޖެންޓިނާގެ ސަޕޯޓަރުންގެ ކިބައިން އޭނާ އެދެނީ ޓީމަށް އިތުބާރުކޮށް، ޓީމާއެކު ތިބުމަށް ކަމަށެވެ. އޭނާ ބުނީ މިއަހަރުގެ ވޯލްޑް ކަޕްގައި ޓީމުގެ ކުޅުންތެރިންނާއި އެންމެން އެ މީހުންގެ އެންމެ ފުރިހަމަ މަސައްކަތް ދައްކާނެ ކަމަށެވެ. އޭނާ ބުނީ ދަނޑު މަތީގައި ތިބޭނީ ފުރިހަމަ ވާދައެއް ކުރަން ކަމަށާއި، މިއަހަރުގެ މުބާރާތުގެ އުނދަގޫކަން ވަރަށް ރަނގަޅަށް އިނގޭ ކަމަށެވެ. އޭނާ ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެކަން ފެނިގެން ދިޔަ ކަމަށާއި، އެއީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ އިދިކޮޅު ޓީމާ ދެކޮޅަށް ކުޅެން ނެރޭނެ ކުޅުންތެރިން ކަނޑައަޅާނީ ފަރިތަކުރުން ތަކުގައި ކުޅުންތެރިން ކުރާ މަސައްކަތަކަށް ބެލުމަށްފަހު ކަމަށެވެ. އޭނާ ބުނީ ގަދަ 16 ކަހަލަ ޚާއްސަ މެޗަކަށް އަރުވާނީ އެންމެ މޮޅު ކުޅުންތެެރިން ކަމަށެވެ.
ސްކަލޯނީގެ އިތުރުން ޕްރެސްގައި ވާހަކަ ދައްކަމުން އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑި ޕައުލް ބުނީ، ކުރިއަށް އޮތް މެޗަކީ ޕޮލެންޑާ ދެކޮޅަށް ކުޅުނު ކަހަލަ މެޗެއް ކަމަށެވެ. ޑި ޕައުލް ބުނީ އާޖެންޓީނާ އިން ޑިފެންސްގައި ފާރަވެރިވާން ޖެހޭނެ ކަމަށާއި، އޮސްޓްރޭލިޔާގައި ތިބީ ވަރަށް ހަލުވި ފޯވާޑުން ކަމަށެވެ. ހަމައެއާއެކު އޮސްޓްރޭލިޔާ އަކީ ކައުންޓައެޓޭކަށް އިސްކަންދޭ ޓީމެއްކަން ފާހަގަ ކުރަމުން އޭނާ ބުނީ އެކަމަށް ވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.
މުބާރާތުގެ ގަދަ 16 ގައި އާޖެންޓީނާއިން އޮސްޓްރޭލިޔާއާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްްޖެ ގަޑިން 12 ޖަހާއިރުއެވެ.