ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 18:17
ޖޭއެސްސީގެ ބައެއް މެމްބަރުން
ޖޭއެސްސީގެ ބައެއް މެމްބަރުން
ޝުއައިބް މުހައްމަދު އިގްބާލް
ޖޭއެސްސީ އިސްލާހުކުރުން
ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ޖޭއެސްސީ ގައި ހިމެނުން ރަނގަޅެއް ނޫން : ޖޭއެސްސީ މެމްބަރުން
ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމާ ގުޅޭގޮތުން ކޮމިޝަންގެ މެންބަރުން އެބޭފުޅުންގެ ވަކިވަކި ޚިޔާލުތައް ފާޅުކުރެއްވި
ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރާނަމަ އެކަން ކުރަންވާނީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް

ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ހިމެނުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީގެ މެމްބަރުން ފާހަގަކުރައްވައިފިއެވެ.

މެމްބަރުން މި ފަދައިން ފާހަގަކުރެއްވީ ޖޭއެސްސީ އިސްލާހުކުރުމުގެ މަޝްވަރާތައް ފެށުމުގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއެކު އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުން ބާއްވާފައި ވަނީ 2022 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ކަމަށް ވާއިރު އެ ބައްދަލުވުމުގައި ކޮމިޝަންގެ ފަސް މެންބަރަކު ބައިވެރިވެވަޑައިގަތެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ ތަފްސީލް "ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުން" މި ނަމުގައި އޭޖީ އޮފީހުން ނެރެފައިވާ ކަރުދާހުގައި ވަނީ ހިމަނާފައެވެ.

އެ ކަރުދާހުން އެނގޭ ގޮތުގައި، މި ބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމާ ގުޅޭގޮތުން ކޮމިޝަންގެ މެންބަރުން އެބޭފުޅުންގެ ވަކިވަކި ޚިޔާލުތައް ފާޅުކުރެއްވިއެވެ. އެގޮތުން ފާޅުކުރެއްވި ޚިޔާލުތަކަށް ބަލާއިރު، ކޮމިޝަން އެކުލެވިގެންވާ ގޮތް އިޞްލާޙުކުރާނަމަ އެކަން ކުރަންވާނީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް ކަމަށާއި، އެކަން ކުރުން ރަނގަޅުވާނީ، ފަނޑިޔާރުންނާއި ފަނޑިޔާރުން ނޫން ފަރާތްތަކާ ދެމެދު ރަނގަޅު ބެލެންސްއެއް ގެނެވޭނެ ގޮތެއްގެމަތިން އެކުލަވާލެވޭ ކޮމިޝަނެއް ޤާއިމުކުރެވިގެންކަމަށް އެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. ކޮމިޝަންގައި ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ހިމެނުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ ކަމަށާއި ނަމަވެސް، ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިބުމަކީ އޭގެ ޒާތުގައި ކޮމިޝަންގެ މިނިވަންކަމަށް އަަސަރު ކުރާނެ ކަމެއް ކަމަށް ނުވެދާނެކަމަށް ޖޭއެސްސީގެ މެމްބަރުން ގަބޫލުކުރައްވައެވެ.

މީގެ އިތުރުން ކޮމިޝަން އެކުލެވިފައިވާ ގޮތް އިޞްލާޙުކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ކޮމިޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުއައްސަސާއަކަށް ހެދުން ކަމަށް ޖޭއެސްސީގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ. ސިޔާސީ ނުފޫޒު ނެތި ކޮމިޝަންގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި ކޮމިޝަންގެ މެންބަރުންގެ ޢަދަދު މަދުކުރުން ރަނގަޅުވެދާނެކަމަަށް ވެސް ޖޭއެސްސީގެ މެމްބަރުން ގަބޫލުކުރައްވައެވެ. އަދި އެފަދައިން މެންބަރުންގެ ޢަދަދު މަދުކުރާއިރު، ކޮމިޝަންގައި ހިމެނޭ ސިޔާސީ މަޤާމުތަކުގެ ޢަދަދު މަދުކުރެވިދާނެކަމަށް އެ ފަރާތްތަކުން ގަބޫލުކުރައްވައެވެ.

ޖޭއެސްސީގެ މެމްބަރުން ގަބޫލުކުރައްވަނީ، އެ ކޮމިޝަންގައި ޝަރުޢީ ދާއިރާއަށް ނިސްބަތްވާ ފަރާތްތައް ހިމެނެންވާނެ ކަމާއި، އެގޮތުން ތިން މަރުޙަލާގެ ޓުތަކުން ކޮންމެ މަރުޙަލާއެއްވެސް ތަމްސީލުކުރާނެ މެންބަރެއް ކޮމިޝަންގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންނަމަވެސް ކޮމިޝަންގެ މައިގަނޑު އެއް މަސައްކަތަކީ ފަނޑިޔާރުންގެ ސުލޫކާގުޅޭ ކަންކަމުގައި މައްސަލަ ބަލައި ފިޔަވަޅުއެޅުން ކަމަށްވާއިރު، ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތަކީ ފަނޑިޔާރުން ކަމުގައި އޮންނަ ގޮތަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެކަމަށް އެ ބޭފުޅުން ފާހަގަކުރައްވައެވެ.

އަދި ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި އުއްތަމަފަނޑިޔާރު ހިމެނުމަށް ފެނިވަޑައިގަންނަވާ ކަމަށް ބައެއް މެންބަރުން ފާހަގަކުރެއްވިއިރު، އެފަދައިން ކޮމިޝަންގައި އުއްތަމަފަނޑިޔާރު ހިމެނޭ ގޮތަށް ހަމަޖައްސާނަމަ 6 ކޮމިޝަންގެ ރައީސް ކަމުގައި ވާންވާނީ އުއްތަމަފަނޑިޔާރު ކަމުގައިވެސް އޭގެ ތެރެއިން ބައެއް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، އުއްތަމަފަނޑިޔާރު ކޮމިޝަންގައި ހިމެނޭނަމަ، އެ ކޮމިޝަންގައި ހިމެނޭ އެހެން ކޯޓުތަކުގެ ފަނޑިޔާރުން އެފަރާތްތަކުގެ ރައުޔު ފާޅުކުރުމަށް ފަސްޖެހުމުގެ ފުރުޞަތު އޮތުމާއެކު، ކޮމިޝަންގައި އުއްތަމަފަނޑިޔާރު ހިމެނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައިނުވެދާނެ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ޢާންމުންގެ ތެރެއިން ކޮމިޝަނަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ ފަރާތެއް ކަމުގައި ވާންވާނެކަމަށާއި، އެ ފަރާތަކީ ކުށުގެ ރެކޯޑެއް ނެތް ފަރާތެއް ކަމުގައި ވާންވާނެކަމަށް ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި އެ މެންބަރަކީ ކަނޑައެޅޭ ދާއިރާއަކުން ތަޢުލީމު ލިބިފައިވާ ނުވަތަ ވަކި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައި ހަމަޖެއްސުމަކީވެސް ރަނގަޅު ގޮތެއް ކަމުގައި ވެދާނެކަމަށް ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ކޮމިޝަނަށް މެންބަރުން އިންތިޚާބުކުރެވޭ އިޖުރާއަތަކީ ވީވަރަކުން ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އިޖުރާއަތަކަށްވުން މުހިންމު ކަމުގަ އާއި، ކޮމިޝަންގެ ބައެއް މެން މެމްބަރުން މިހާރު ރައްޔިތުންގެ މަޖިލީހުން އިންތިޚާބުކުރާ ގޮތަށް އޮތްއިރު، ކޮމިޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހަމަޖައްސާނަމަ، ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން ކަނޑައެޅުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައިނުވެދާނެކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ.

- ކޮމެންޓް