ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 23:03
ޖަރުމަނުގެ ފުޓްބޯޅަ ޓީމު
ޖަރުމަނުގެ ފުޓްބޯޅަ ޓީމު
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ޖަރުމަނު ޓީމު ރަށަށް ފުރައިފި، މައްސަލަ ބަލަނީ މިއަންނަ ހަފްތާގައި!
ޖަރުމަނުގެ އަމާޒަކީ މުސްތަގުބަލުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރުން

ފީފާ ވޯލްޑް ކަޕްގައި ވިދިވިދިގެން ދެވަނަ ފަހަރަށް ޖަރުމަނު ގްރޫޕް ސްޓޭޖުން ކެޓި ސަބަބު ހޯދުމަށް މިއަންނަ ހަފްތާގައި ބައްދަލުވުމެއް ބާއްވާނެކަމަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަން (ޑީއެފްބީ) ގެ ރައީސް ބޭންޑް ނޮއެންޑޯފް ވިދާޅުވެއްޖެއެވެ.

މުބާރާތުން ކެޓުމާއެކު ޖަރުމަނު ޓީމު ވަނީ ހުކުރު ދުވަހު އެނބުރި ޤައުމަށް ދަތުރުކޮށްފައެވެ. ރަށަށް ދިއުމަށް ދޯހާގެ އެއާޕޯޓުގައި ހުރެ ނޮއެންޑޯފް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ގްރޫޕް ސްޓޭޖުން ކެޓުމުން ކުރެވުނީ ވަރަށް ހިތްދަތި އިހްސާސެއް ކަމަށެވެ. އަދި ވިދިވިދިގެން ދެފަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓި ސަބަބު ހޯދައި، ޓީމުގައި ހުރި މައްސަލަތައް ދެނެގަތުމަށް މިއަންނަ ހަފްތާގައި ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ޖަރުމަނު ޓީމުގެ ހެޑް ކޯޗު ހަންސީ ފްލިކް، ޓީމުގެ މެނޭޖަރު އޮލީވާ ބިއާހޮފްގެ އިތުރުން ޖަރުމަނު ފުޓްބޯޅަ ލީގުގެ ސީއީއޯ ހަންސް-ޖޯއަކިމް ބައިވެރިވާނެއެވެ.

ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަން (ޑީއެފްބީ) ގެ ރައީސް ބޭންޑް ނޮއެންޑޯފް އެއާޕޯޓުގައި އިންޓަވިއުދެނީ - ރޮއިޓާސް

ނޮއެންޑޯފް ވިދާޅުވީ މި ބައްދަލުވުމުގެ ބޭނުމަކީ ޓީމުގެ ސްޕޯޓިންގ އެނަލީސިސްއެއް ހަދާ، މުސްތަގުބަލުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރުން ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް 2024 ވަނަ އަހަރުގެ ޔޫރޯގައި ރަނގަޅު ނަތީޖާއެއް ނެރުމަށް އިސްކަން ދޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. 2024 ވަނަ އަހަރުގެ ޔޫރޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގައެވެ.

ޖަރުމަނު ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އެއީ ފާއިތުވި 80 އަހަރުގައިވެސް ޖަރުމަނު ވޯލްޑް ކަޕުން އެންމެ އަވަހަށް ކެޓި ފަހަރެވެ. ޖަރުމަނު ވަނީ މުބާރާތުގެ ތަށި ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ. މުބާރާތުގެ ތަށި ދެވަނައަށް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީވެސް ޖަރުމަނުންނެވެ.

- ކޮމެންޓް