މުސްލިމުން ފިތުރު އީދު ފާހަގަ ކުރުމަށް މެދު ކަނޑާލާފައި އޮތުމަށް ފަހު ފިލިޕީންސްގެ މަރާވީގައި އަސްކަރިއްޔާއިން އަނެއްކާ ވެސް ހަމަލާތައް ދޭން ފަށައިފިއެވެ.
އަސްކަރިއްޔާއިން ބުނީ އައިއެސްޖަމާއަތާ ގުޅިފައިވާ ޖަމާއަތާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން މެދުކަނޑާލީ އާދީއްތަ ދުވަހު އަށް ގަޑިއިރަށް ކަމަށެވެ.
ވެރިރަށް މެނީލާއާ 800 ކިލޯމީޓަރު ދުރުގައި އޮންނަ މަރާވީން އާދީއްތަ ދުވަހުގެ ހެނދުނު ހަޔަކުން ފެށިގެން ދޭއްޖަހާ ކަންހާއިރަށް ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތުމުން ބަޑީގެ އަޑުވަނީ ކެނޑިފައެވެ.
ފިލިޕީންސް އަސްކަރިއްޔާގެ ތަރުޖަމާނު ޖެނެރަލް ރެސްޓިޓޫޓޯ ޕަޑިއްލާ ވިދާޅުވީ ހަމަލާ ބަދަލުކުރެވެމުންދާ ސަރަހައްދުގެ ތެރޭގައި އާއްމުންގެ 500 އެއްހާ މީހުން ތާށިވެފައި އެބަތިބި ކަމަށެވެ.
"އަޅުގަނޑުމެން ހަމަލާ ބަދަލުކުރުން ހުއްޓާލީ މުސްލިމުންނަށް ވަކިން ޚާއްސަކޮށް މަރާވީ ސިޓީގެ މުސްލިމުންނަށް އިހުތިރާމް ކުރުމުގެ ގޮތުން އަދި އަޅުގަނޑުމެން ބަހައްޓާ އަހައްމިޔަތުގެ ސަބަބުން" ޕަޑިއްލާ ވިދާޅުވިއެެވެ.
މެއި މަހުގެ ތެރޭ ރައީސް ރޮޑްރިގޯ ޑުޓާޓެ ވަނީ މިންޑަނާއޯގެ ސަރަހައްދުތަކުގައި މާޝަލް ލޯ އިއުލާނު ކުރައްވާފައެވެ.
މަރާވީގައި މެއިމަހުގެ 23 ވަނަ ދުވަހު ހަމަލާތައް ފެށިގެން ދިޔައީ އެގައުމުގައި އުޅޭ އައިއެސްގެ ލީޑަރު ހައްޔަރުކުރަން އުޅުމުން ހަނގުރާމަވެރިން ނުކުމެ ކްރިސްޓިއަނުންގެ ފައްޅިތަކާއި ސިޓީ ޖަލު އަދި ދެ ސްކޫލެއްގައި ހުޅުޖަހައި މައި ދެ މަގާއި ސިޓީއަށް ދާން އޮންނަ ދެ ބްރިޖް ހިސާރުކުރުމުންނެވެ.
ފިލިޕީންސް އަސްކަރިއްޔާއިން ކުރިޔަށް ގެންދާ އޮޕަރޭޝަނަށް އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދެމުންދަނިކޮށް އޮސްޓްރޭލިޔާއިން ވެސް މިހާރު ވަނީ ހައިޓެކް ސަރވައިލަންސް ދެ މަތިންދާ ބޯޓު ފޮނުވާފައެވެ.
މަރާވީގައި ކުރިޔަށްގެންދާ ހަމަލާތަކުގައި މިހާތަނަށް 380 މީހުންގެ ފުރާނަ ގެއްލި އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ ރައްޔިތުންގެ ތެރެއިން 300،000 އެއްހާ މީހުންގެ ގެދޮރުގެއްލިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.