މި ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރުމަށް ނިންމާފައިވާ 400 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ފެބްރުއަރީ މަހު ފެށޭނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި ސަރުކާރުން އިމާރާތްކުރި ރޯހައުސްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މޭޔަރު ވިދާޅުވީ ކުޅުދުއްފުށީގައި އިމާރާތްކުރި 165 ރޯހައުސް އޭގެ ހައްގުވެރިންނާ ހަވާލުކުރެވިގެންދާއިރު، ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މަސައްކަތް، ނުވަތަ 400 ހައުސިން ޔުނިޓްގެ މަސައްކަތް ކުރުމަށް މިހާތަނަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޑިޒައިން ފައިނަލްކުރެވިފައިވާކަމަށެވެ.
މޭޔަރު ވިދާޅުވީ ޑިޒައިނިންގ މަސައްކަތުގެ ތެރެއިން ދެފަހަރެއްގެ މަތިން ޕްލޭނިން މިނިސްޓްރީން ކައުންސިލާ ޑިޒައިން ހިއްސާކޮށްފައިވާ ކަމަށާއި، ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މަޝްވަރާގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ. އަދި މިތަން ވެގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ފަރުމާކުރެވޭ އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކުރެވޭ މަސައްކަތަކަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މި މަސައްކަތަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫއެއްކަމަށާއި، އެހެންކަމުން ޑިޒައިން ފައިނަލްވެ އަމަލީ މަސައްކަތް އަންނަ ފެބްރުއަރީ މަހުތެރޭގައި ފެށިގެންދާނެކަމަށެވެ.
މޭޔަރު ވިދާޅުވީ މިތަނަކީ ޖާގައިގެ ގޮތުން ތަނަވަސް، ބަދިގެއާއި ކޮންމެ ކޮޓަރިއެއްގައި ފާޚާނާއަކާއި ހައުސިންގ ޔުނިޓް ތެރޭގައި ކުޑަ ގުދަނެއްވެސް ހުންނާނެ ކަމަށެވެ. މޭޔަރ ވިދާޅުވީ މި 400 ހައުސިން ޔުނިޓް ބަހާލަނީ 11 ބުރީގެ 5 ޓަވަރަށް ކަމަށެވެ. ކޮންމެ އެޕާޓްމަންޓެއްގައި 1000 އަކަފޫޓު ހުންނައިރު، ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކޮންމެ އެޕާޓްމަންޓަކީ 1000 އަކަފޫޓުގުގެ ތަނެކެވެ. އަދި ޓަވަރުތަކުގެ ތިރި ޚާއްސަ ކުރެވިގެންދާނީ ޕާކިންގއަަށާއި ކޮމަރޝަލް ސްޕޭސްއަށެވެ.
ސަރުކާރު ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމަށްވާ ޓުވެންޓީ ތަރޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 7 ޖުލައި 2022ގައެވެ.