އާއްމުންގެ ގިނަ ބަޔަކު ބޭނުންވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުންގެ އަދަދު މަދުކުރަންކަމަށް، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ގުޅޭގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ޝަރުޢީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި، ކަމާގުޅޭގޮތުން ކުރެވުނު ދިރާސާތަކުގެ ތަފްސީލް ހިމެނޭހެން ޖޭއެސްސީން ވަނީ "ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާސް އާއްމުކޮށްފައެވެ.
އެ ކަރުދާހުގައި ހިމަނާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތާމެދު އާންމުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި، ސުވާލު ކަރުދާހެއްގެ ޒަރީއާއިން ޚިޔާލު ހުށަހެޅުމަށް، 5 އޮކްޓޫބަރު 2022ން 20 އޮކްޓޫބަރު 2022ގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި އެއްކުރި ޚިޔާލުތަކެވެ. 115 ފަރާތަކުން އެ ކަރުދާސް މެދުވެރިކޮށް ޚިޔާލު ހުށަހަޅާފައިވެއެވެ.
އެ ދިރާސާއިން އެނގޭގޮތުގައި 67.8 އިންސައްތަ މީހުން ބޭނުންވަނީ ޖޭއެސްސީގެ މެމްބަރުންގެ އަދަދު މަދުކުރާށެވެ. އާއްމުން އެގޮތަށް އެދޭ ސަބަބުތަކުގެ ތެރޭގައި، ޚަރަދު ބޮޑުވުމާއި، މެމްބަރުން ގިނަވުމުން ފަނޑިޔާރުންގެ މައްޗަށް ނުފޫޒާއި ބާރު ހިންގަން މަގުފަހިވުން ހިމެނެއެވެ.
އެ ދިރާސާއިން ދައްކާގޮތުން ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރަން ފެންނަނީ ޝަރުއީ ދާއިރާއާއި، ދައުލަތުގެ އެހެން ފަރާތްތަކާއި އާންމުންގެ ތެރެއިން ހޮވާލެވޭ ބަޔަކު ހިމެނޭ ގޮތަށް ކަމަށް ބަޔާންކޮށްފައިވަނީ 33 ފަރާތަކުންނެވެ. އަދި ފަނޑިޔާރުން ހިމެނޭގޮތަށް އެހެންނަމަވެސް އަޣުލަބިއްޔަތު ނޯންނާނެ ގޮތަށް ހަމަޖެއްސުމަށް ބަޔާންކޮށްފައިވަނީ 31 ފަރާތެކެވެ. 22 ފަރާތަކުން، ފަނޑިޔާރުން ނުހިމެނޭ ގޮތަށް ހަމަޖެއްސުމަށް، 19 ފަރާތަކުން ފަނޑިޔާރުންގެ އަޣުލަބިއްޔަތު އޮންނަގޮތަށް ހަމަޖެއްސުމަށް، އަދި 10 ފަރާތަކުން ވަނީ ހަމައެކަނި ފަނޑިޔާރުންނާއި އާންމުންގެ ތެރެއިން ހޮވާލެވޭ ބަޔަކު ހިމެނޭ ގޮތަށް ހަމަޖެއްސުމަށް ބަޔާންކޮށްފައެވެ.
އެ ދިރާސާގައިވާގޮތުން އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރާގޮތުން، ޖޭއެސްސީގެ މެމްބަރުކަމުގެ ދައުރުގެގޮތުގައި ކަނޑައެޅުމަށް އެންމެ އެކަށީގެންވާ މުއްދަތަކީ 5 އަހަރެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން %47 މީހުންނެވެ. %43.7 މީހުން 3 އަހަރުގެ ދައުރު ރަނގަޅުކަމަށް ގަބޫލުކުރާއިރު، އެހެން މުއްދަތެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރަނީ %9.6 މީހުންނެވެ.
މީގެ އިތުރުން ކޮމިޝަނުގައި އުއްތަމަފަނޑިޔާރު ހުންނަން ފެންނަ ކަމަށް 55.7 އިންސައްތަ މީހުން، އާއްމުންގެ ތެރެއިން މީހަކު ހުންނަން ޖެހޭ ކަމަށް %73 މީހުން، ކޮމިޝަންގައި ގާނޫނީ ވަކީލެއް ހިމަނަން ޖެހޭ ކަމަށް %69.7 މީހުން ބުނެފައިވެއެވެ. އެހެންނަމަވެސް ރައީސް އައްޔަންކުރައްވާ މީހަކު ހުންނަން ޖެހޭ ކަމަށް %75.7 މީހުންނަކަށް ނުފެނެއެވެ. އަދި މެމްބަރުން ހިމަނަން ނުފެންނަ ކަމަށް އާއްމުން ބުނެފައި ވާއިރު، މަޖިލީހުގެ މެމްބަރަކު ހިމަނަން ނުފެންނަކަމަށް %76.5 މީހުން، ސިވިލް ސަރވިސްގެ ކޮމިޝަނުގެ ރައީސް ހިމަނަން ނުފެންނަކަމަށް %82.6 މީހުން، ބަންޑާރަ ނައިބު ހިމަނަން ނުފެންނަކަމަށް %67 މީހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމަނަން ނުފެންނަ ކަމަށް %87.7 މީހުން ބުނެއެވެ.
އާއްމުންގެ ތެރެއިން %41.7 މީހުން ކޮމިޝަނުގައި އާއްމުންގެ ތެރެއިން ކަނޑައަލާ މީހަކީ ވަކި ފަންނީ ދާއިރާއަކަށް ނިސްބަތްވާ މީހެއްކަމުގައި ވުން މުހިންމުކަމަށް ދެކެއެވެ. ގިނަ އާއްމުން ދެކެނީ އެ ފަރާތަކީ ގާނޫނީ ފަންނުގެ ދާއިރާގެ މީހަކަށް ވުމަކީ ތައުލީމީ ގާބިލް މީހަކަށް ވުމުގެ އިތުރުން ގާނޫނާއި ފަނޑިޔާރުންނާއި ގުޅުންހުރި ކަންކަން ފަހުމުވާން ފަސޭހަވާނެ ކަމަށެވެ.