ދުނިޔޭގެ އެކި ކަންކޮޅުތަކުން ފުޓުބޯޅައަށް ލޯބިކުރާ މީހުން އެންމެ އިންތިޒާރުކުރާ އެންމެ ބޮޑު އެއް މުބާރާތަކީ ކޮންމެ 4 އަހަރަކުން އެއް އަހަރު ބާއްވާ ވޯލްޑްކަޕެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކުން ބައިވެރިވާ މި މުބާރާތުގެ ފޯރި މިއަހަރު ނަގަމުންދަނީ ގަތަރުގައެވެ. މިއީ ވޯލްޑްކަޕުގެ ދިގު ތާރީޚުގައި މުސްލިމު ގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ. ނޮވެމްބަރު 20ން ފެށިގެން ވޯލްޑްކަޕް ކުރިއަށްދާއިރު, މީގެ އަހަރުތަކެއް ކުރިން ގަތަރުން ވަނީ މި މުބާރާތަށް ތައްޔާރުވާން ފަށާފައެވެ.
އަހަރުތަކެއް ވަންދެން ކުރި މަސައްކަތް ނިންމާލިއިރު ފެނިގެންދިޔައީ މީގެ ކުރިން ބޭއްވި އެހެން އެއްވެސް ވޯލްޑްކަޕަކުން ނުފެންނަ ފަދަ އިސްލާމީވަންތަ މަންޒަރެކެވެ. ގަތަރުގެ އެކި ސަރަހައްދުތަކުގައި ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކާއި އޭގެ މާނަ ލިޔެފައިވެއެވެ. އިސްލާމް ދީނާ ގުޅޭ މައުލޫމާތުތައް މެހެމާނުންނަށް ފެންނާނެހެން ބެހެއްޓުންފަދަ ކަންކަން ވެގެންދިޔައީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ކަމަކަށެވެ.
މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ނަމާދުކުރެވޭނެ ތަންތަން ހުރިއިރު، އެ ތަންތަން ހުރީ ބޭރުންދާ މީހުންނަށް އެތެރެ ފެންނާނެފަދަ ގޮތަކަށެވެ. ބޭރުގައި ތިބެގެން، ނަމާދުކުރާ ތަން ބަލައިލެވޭ ގޮތަށެވެ. މިކަމަށްވެސް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ. ވޯލްޑްކަޕް ބެލުމަށް ގަތަރަށް ދިޔަ މީހަކު ވަނީ މިފަދަ ތަނެއްގެ ފޮޓޯއާއެކު ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ބުނާގޮތުން، މިއީ މިއަހަރުގެ ވޯލްޑްކަޕުގެ ފުރިހަމަކަން ދައްކުވައިދޭ އެއް ކަންތަކެވެ. ބޭރުގައި ތިބޭ ބައެއް މީހުން އިސްލާމް ދީނުގެ މައުލޫމާތު އޮޅުންފިލުވައި, އިސްލާމް ދީނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޑިޖިޓަލް ބޯޑުތަކަށް އިސްލާމްދީނާގުޅޭ މައުލޫމާތުތައް 30ށްވުރެ ގިނަ ބަހުން އެރުވުމާއި, ކިއުއާރް ކޯޑު ސްކޭން ކޮށްލުން އިސްލާމްދީނާ ގުޅޭ މައުލޫމާތާއި ހަދީސްތައް އަރައެވެ. މީގެ އިތުރުންވެސް އިސްލާމް ދީން ފެތުރުމަށް ގަތަރުން ގެންދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ.
އިސްލާމްދީން ފެތުރުމަށް ގަތަރުން ކުރަމުންދާ މި މަސައްކަތަކީ ނަތީޖާވެސް އެހާމެ ފޮނި މަސައްކަތެކެވެ. ވޯލްޑްކަޕް ބަލަން އެހެން ގައުމުތަކުން އެގައުމަށް ދިޔަ އެތައް ބަޔަކަށް ދީނުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. ދީނުގެ ފުރިހަމަކަމާއި, ލުއިފަސޭހަކަމާއި މާތްކަން އެނގި، މީގެ ތެރެއިން އެތައް ބަޔަކު މިހާރު ވަނީ އިސްލާމްދީން ގަބޫލުކޮށްފައެވެ. އަދި ދީން ދަސްކުރުމަށް މިކަމުގެ މައުލޫމާތުދޭ ސަރަހައްދުތަކަށް ދާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މީގެ އިތުރުންވެސް މުބާރާތް ކުރިއަށްދާ މުއްދަތުގައި އެގައުމުގައި އިސްލާމީވަންތަކަން ދެމެހެއްޓުމަށް ގަތަރުން ވަނީ ބައެއް ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. މިކަމަށް ބައެއް ގައުމުތަކުން ފާޑުކިޔަމުން ދިޔަނަމަވެސް ބައެއް ގައުމުތަކުން ގެންދަނީ މި ހުރިހާ ކަމަކަށްވެސް ތައުރީފުކުރަމުންނެވެ. ވަކިން ޚާއްސަކޮށް އިސްލާމް ދީން ފެތުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތަށެވެ.