އިންޑިއާއިން ރާއްޖެ އަށް ދިން 100 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމުން އެނގެނީ، ކޮށްދޭނަމޭ ބުނާކަންކަން ކޮށްދޭކަން، ކަމަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. އެސް. ޖައިޝަންކަރު ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައެވެ.
އިންޑިއާއިން ރާއްޖެއަށް ދޭން ހަމަޖައްސާފައިވާ 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިވެހި ސަރުކާރާ ހަވާލުކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުން، އިންޑިއާއިން ރާއްޖެ އަށް ދިން 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކޮށްގެން ކަމަށް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ. އެ އެހީ އަކީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ގާތްކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އިން ބޭނުންވާ ކަންކަމުގައި އިންޑިއާ އިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެ އަށް ފޯރުކޮށްދިން އެހީ އަކީ، މި އަހަރުގެ އޮގަސްޓް މަހުގެ 1-4ށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެކެވެ.