ފަތުރުވެރިންނަށް ހާއްސަކޮށްގެން އިމިގްރޭޝަނުން ފެށި ބޯޑަރ މައިލްސް ޕްރޮގްރާމަށް އެއް މިލިއަން ބައިވެރިން ހަމަވެއްޖެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް އަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާ އެކު ކުރިއަށްގެންދާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެންނެވެ.
މިއީ މުޅި ދުނިޔޭގައި ވެސް މިގޮތަށް ކުރިއަށްގެންދާ ފުރަތަމަ ޑެސްޓިނޭޝަނަލް ލޯޔަލްޓީ ޕްރޮގްރާމެވެ. މި ޕްރޮގްރާމް މައިގަނޑުގޮތެއްގައި ބިނާވެފައިވަނީ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާ އަދަދަށާއި ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދައް ޕޮއިންޓު ލިބޭ ގޮތަށެވެ. އަދި ހާއްސަ މުނާސަބާތަކާ ގުޅުވައިގެން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތައް މި ޕްރޮގްރާމުގައި ލިބޭނެއެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވާ ތިން ދަރަޖައަކީ؛ އައިދަ (ލޮއި ދަރަޖަ)، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލު ކުރާ ފަތުރުވެރިއަކަށް ވެސް އެ ފަތުރުވެރިއަކު ހާސިލު ކުރާ ދަރަޖައަކާ ގުޅޭ ޚާއްސަ ފައިދާތަކެއް ލިބިގެން ދާނެއެވެ. މީގެ ތެރެއިން އަބާރަނަ ދަރަޖައިގެ މެންބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވީއައިޕީ ކްލިއަރެންސް ޚިދުމަތް ލިބޭނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ޚިދުމަތްތައް ވެސް އިތުރު ވެގެންދާނެއެވެ.
މި ޕްރޮގްރާމުގެ އެމްބެސެޑަރުގެ ގޮތުގައި އެއް އަހަރު ދުވަހަށް ލިވަޕޫލުގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ހޯސޭ އެންރީކޭ ވަނީ ހަމަޖައްސައިފައެވެ.
މި ޕްރޮގްރާމުގައި މިހާރު 35 ޕާޓްނަރު ފެސިލިޓީ ހިމެނޭއިރު އިމިގްރޭޝަނުން ދަނީ އިތުރު ޕާޓްނަރުން ހިމެނުމަށް މަޝްވަރާތައް ކުރަމުންނެވެ.