ކ. މާލެ
|
28 ނޮވެންބަރ 2022 | ހޯމަ 21:03
އެމެރިކާއާ ރާއްޖެއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
އެމެރިކާއާ ރާއްޖެއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
ފޮރިން މިނިސްޓްރީ
އެމެރިކާއިން ރާއްޖެއަށް އެހީވުން
އެމެރިކާއިން ރާއްޖެއަށް އިތުރު 3 މިލިއަން ޑޮލަރުގެ އެހީ ދޭން އެއްބަސްވެއްޖެ
މިއީ ފައިނޭންސް މެނޭޖްމެންޓަށާއި ހެޔޮވެރިކަން ކުރިއެރުވުމަށް ދޭ އެހީއެއް
އެމެރިކާއިން ވަނީ 28 މިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ފޯރުކޮށްދީފައި

އެމެރިކާ ސަރުކާރުގެ އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއައިޑީ) އާއި، ރާއްޖޭގެ ފޮރިން މިނިސްޓްރީން ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރީމަންޓަށް އިސްލާހެއް ގެނެސް، އިތުރު 3 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން އެއްބަސްވެއްޖެއެވެ.

މިއީ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓަށާއި، ހެޔޮވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ދޭ އެހީއެކެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ޔޫއެސްއައިޑީގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އަންޖަލީ ކައުރު ވިދާޅުވީ މި އެއްބަސްވުމުގެ ތެރެއިން އެގައުމުން ގެންދަނީ އެގައުމާއި، ރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް މަސައްކަތްކުރަމުން ކަމަށެވެ. އަދި މި އެއްބަސްވުމަކީ ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރުގެ ކުރިއަރަމުންދާ ޕާޓްނަރޝިޕް ދައްކުވައިދޭ ހަރުދަނާ ހެއްކެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މި ބައިލެޓްރަލް އެހީގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ 12 މާރޗް 2019 ގައެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ 28 މިލިއަން ޑޮލަރަށްވުރެ ގިނަ ބައިލެޓްރަލް އެހީ ރާއްޖެއަށް ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. މީގެ ތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި، ގާނޫނީ ބާރުވެރިކަން ހަރުދަނާކުރުމާއި، ހިންގުމުގެ ނިޒާމު ލާމަރުކަޒުކުރުމަށް އެހީވުމާއި، ތިމާވެށި ރައްކާތެރިކުރުން ހިމެނެއެވެ.

މިހާތަނަށް އައިިއިރު މި މަސައްކަތްތަކުން ވަނީ ކާމިޔާބީތަކެއްވެސް ހާސިލުކޮށްފައެވެ. މީގެ ތެރޭގައި ކޮވިޑުން އަރައިގަތުމަށް ކުރި މަސައްކަތުންނާއި، ފުވައްމުލަކުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށް ކުރި މަސައްކަތުންނާއި، އަދިވެސް ގިނަ މަސައްކަތް ތަކަކުން ވަނީ ކާމިޔާބު ހޯދާފައެވެ.

- ކޮމެންޓް