ކ. މާލެ
|
28 ނޮވެންބަރ 2022 | ހޯމަ 06:58
އިމާދު ސާލިހު
އިމާދު ސާލިހު
ރާއްޖެއެމްވީ
ނޭޝަނަލް ޑްރަގް އެޖެންސީ
މަސްތުވާތަކެތި ބޭނުން ކުރާ ގިނަ މީހުން ފަރުވާއަށް ދަނީ ޖަލު ހުކުމުން މިންޖުވާން، ގާނޫނަށް ބަދަލު ގެންނަން ޖެހޭ: އިމާދު
99 އިންސައްތަ މީހުންނަކީ ކޯޓު އަމުރުގެ ސަބަބުން ފަރުވާ ހޯދާ މީހުން
މަސްްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ޖަލަށްލުމަކީ ހައްލެއް ނޫން
ޖަލުގައި ތިބި މީހުންގެ 80 އިންސައްތައަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތިބި މީހުން

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ތެރެއިން ފަރުވާއަށްދާ ގިނަ މީހުން ފަރުވާ ހިޔާރު ކުރަނީ ޖަލު ހުކުމުން މިންޖުވާންވެގެން ކަމަށާއި އެކަން ބަދަލު ކުރަން ޖެހޭ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހު ވިދާޅުވެއްޖެއެވެ.

"ރާއްޖެޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިމާދު ވިދާޅުވީ މަސައްކަތުވާތަކެއްޗަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށާއި އެންޑީއޭގެ ފަރުވާގެ ނިޒާމަކީ ވެސް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ ނިޒާމެއް ކަމަށެވެ. ރާއްޖޭގައި ދޭ ފަރުވާގެ ނިޒާމުގައި މައްސަލައެއް ނެތް ނަމަވެސް އެ ޕްރޮގްރާމްތައް ތަންފީޒުކުރުމުގައި ގޮންޖެހުންތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، އަމިއްލައަށް އެދިގެން ފަރުވާއަށް ދާ މީހުންނާއި ކޯޓު ހުކުމުގެ ސަބަބުން ފަރުވާއަށް ދާން ޖެހޭ މީހުން ތިބޭއިރު 99 އިންސައްތަ މީހުންނަކީ ކޯޓު އަމުރުގެ ސަބަބުން ފަރުވާ ހޯދާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަމިއްލައަށް އެދިގެން ފަރުވާ ހޯދާ މީހުންގެ އަދަދު މަދު ސަބަބުތައް ފާހަގަކުރައްވައި އިމާދު ވިދާޅުވީ ޤާނޫނު އޮތްގޮތުން އަމިއްލައަށް ފަރުވާ ހޯދާނަމަ ކުށުގެ ރެކޯޑު އޮވެގެން ނުވާނެ ކަމަށެވެ. ނަމަވެސް ސިއްހީ މައްސަލައެއްގެ ގޮތުގައި މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާދޭނަމަ އެގޮތްތައް ބަދަލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސްްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ޖަލަށްލުމަކީ ހައްލެއް ނޫންކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އިމާދު ވިދާޅުވިއެވެ.

މި އިންސްޓިޓިއުޝަނުގެ އެންމެ އިސް މަގާމެއްގައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހަމަ ކެރިގެން މިވާހަކަ ދައްކާނަން. އަޅުގަނޑުމެންގެ ޕްރޮބްލަމެއް އެބައޮތް، އިޝޫއެއް އެބައޮތް، އެ އިޝޫއަށް އެޑްރެސް ކުރުމަށްޓަކައި އަޅުގަނޑުމެން ކެރިގެން ދައުލަތެއްގެ ސިފައިގައި މަސައްކަތް ކުރަން އެބަޖެހޭ، ސޮސައިޓީއެއްގެ ސިފައިގައި މަސައްކަތް ކުރަން އެބަޖެހޭ. ކުރާއިރު މި މައްސަލައިގެ ހައްލެއް ނޫން ޖަލަށް ލުމަކީ،
އެންޑީއޭގެ ސީއީއޯ އިމާދު ސާލިހު

އިމާދު ވިދާޅުވިގޮތުގައި ރާއްޖޭގައި ޖަލުގައި ތިބި މީހުންގެ 80 އިންސައްތައަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތިބި މީހުންނެވެ. އެހެންވެ، އެ މައްސަލައަށް އެކަށީގެންވާ ހައްލު ހޯދުމަށް ދިރާސާއެއް ބޭނުންވާ ކަމަށާއި އެ ދިރާސާއިން މައްސަލަ އަސްލު އޮތް ހިސާބު އެނގިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ދިރާސާއެއް އޭނާ މަގާމުގައި ހުންނަވައިގެން ކުރިއަށްގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި މައްސަލައަކީ އެންޑީއޭގެ އެކަނި މައްސަލައެއް ނޫންކަން ފާހަގަކުރައްވައި އިމާދު ވިދާޅުވީ ސްކޫލް ދައުރުން ފެށިގެން ޕްރިވެންޝަން މެކޭނިޒަމް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ މުޖުތަމައާއި ސަރުކާރާއި ހުރިހާ ސްޓޭކްހޯލްޑަރުން މި މައްސަލައަކީ ޤައުމީ މައްސަލައެއް ކަމުގައި ދެކިގެން، ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް