ހިލޭ ޑިގްރީ ކޯހުގައި ކިޔަވާ އިމާމުންނާއި ބެހޭގޮތުން ދެއްކި ވާހަކަތައް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ދޮގު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓަރު މިފަދައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި ވާހަކަތަކަކާއި ގުޅިގެންނެވެ.
އެގޮތުން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ މިސްކިތްތަކުގެ އިމާމުންގެ ފެންވަރު މަތިކުރަންކަމަށް ބުނެ ހިންގަން ފެށި ”ހިލޭ ޑިގްރީ“ ކޯހަށް ސަރުކާރުން ފައިސާ ނުދައްކައިގެން ކޯހުގެ ބައިވެރިންނަށް ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޕޯޓަލްގެ އެކްސެސް ކަނޑާލާފައިވާ ކަމަށާއި ރަށުގެ އަމިއްލަ ގޭގައި ލެޕްޓޮޕަކާ ފޯނެއް އޮތިއްޔާ މިކޯސް ފުރިހަމަ ކުރެވޭނޭ ބުނެ އިމާމުންނަށް ދޮގުހަދާ،އެންމެ ފަހުން އިމާމުންނަށް މުސާރަ ނުލިބޭގޮތަށް މާލެ އައިސް ކޯސް ފުރިހަމަ ކުރަން ޖެހޭ ގޮތް ހަދާފައިވާ ކަމަށެވެ.
އަދި މާލޭގައި ތިބޭ ދުވަސްތަކަށް ހިނގާ ޚަރަދުވެސް އިމާމުން އަމިއްލައަށް ކުރަން ޖެހޭ ކަމަށާއި މާލެ އަންނަ ދުވަސްތަކަށް މުސާރަވެސް ނުހިނގާގޮތަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވާ އިސްލާމިކް މިނިސްޓަރު ވިދާޅުވީ އިމާމުންނަށް ކިޔަވައިދޭ ހިލޭ ޑިގްރީގެ ކޯހުގެ ހުރިހާ ކަންތައްތަކެއް މިނިސްޓްރީން ކުރަނީ އައިޔޫމްއާ ގުޅިގެން ކަމަށެވެ. އަދި އައިޔޫއެމްގެ ޕޯޓަލްގެ އެކްސެސް ކަނޑާލާފައިނުވާ ކަމަށާއި މޫޑުލްއަށް ނުވަދެވުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިމާމުންނަށް ދިމާވެފައި އޮތް މައްސަލަ އަކީ ބައެއް މީހުންނަކީ ޑިގްރީ ފެންވަރަށް ކިޔެވުމަށް އެންރޯލް ވެވޭ މީހުން ނޫން ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް ކިޔަވައިދިނުމަށްފަހު ޑިގްރީއަށް އެންރޯލް ވެވޭ ގޮތަށް މިނިސްޓްރީން މަގުފަހިކުރާ ކަމަށެވެ.
އަދި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ވެސް މިނިސްޓްރީ ކޯހުގެ ފީ ދައްކައިގެން ކިޔަވައިދޭ ކަމަށާއި ޑިގްރީ ކޯހަށް 121 މީހުން ރަޖިސްޓްރީނުކޮށް ހުރިކަން މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށެވެ. މި ކޯހުގެ ދަށުން ކިޔަވާ މީހުންގެ ކޯސް ފީ މިނިސްޓްރީން ދައްކާނެކަން އައިޔޫއެމްއަށް އަންގާފައިވާނެ ކަމަށާއި ކޯސް ފީ ނުދައްކައިގެން ޔުނިވަރސިޓީން އިމްތިހާނު ނުދެވޭނެ ކަމަށް އެއްވެސް މީހަކަށް އަންގާފައިނުވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އިމާމުން ހިލޭ ޑިގްރީ ކޯހަށް ކިޔެވޭނެ ގޮތް ހެދިއިރު ދެ ގޮތަކަށް އެމީހުންނާއެކު އެއްބަސްވެވުނު ކަމަށެވެ. އެއީ ކައިރީގައި ހުރި ޔުނިވަރސިޓީއެއްގައި ނުވަތަ މާލެ އައިސް ބްލޮކް މޯޑަށް ކިޔެވުން ކަމަށެވެ. އެގޮތުން ބައެއް އިމާމުން އެގޮތް އިހްތިޔާރު ކުރި ކަމަށާއި އެމީހުންގެ ދަތުރުތަކުގެ ޚަރަދުގެ ދެބައިކުޅަ އެއްބައި މިނިސްޓްރީން މިހާރު ވެސް ދޭ ކަމަށާއި އަދި ދެމުންދާނެ ކަމަށް ވިދާޅުވިއެވެ.
ބްލޮކް މޯޑަށް އެމީހުން މާލެ ކިޔަވަން އަންނައިރު މުސާރައިން ނުކަނޑާ ކަމަށާއި އެމީހުން މާލެ އަންނަނީ މިނިސްޓްރީން ޗުއްޓީދީގެން މިނިސްޓްރީގެ ހުއްދައާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ ހުރިހާ ވާހަކަތަކަކީ ވެސް ދޮގުގެ މައްޗަށް ބިނާކޮށްފައި އޮތް އެއްޗެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ އިމާމުންނާއި ޚަތީބުން މަސައްކަތް ކުރާއިރު އެމަސައްކަތް އެއީ އާންމުން ބަލައިގަންނަ މަސައްކަތް ތަކަކަށް ހެދުމެވެ. ބައެއް ކަންކަމުގައި އާންމުންގެ ފަރާތުން ޝަކުވާ ލިބެމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިފަދަ ތަމްރީން ޕްރޮގްރާމް ތަކުގެ ޒަރީޢާއިން އެކަންކަމަށް ހައްލު ހޯދައިދިނުމަށް ބޭނުންފުޅުވާކަމަށެވެ.