ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 12:44
ވިނަރެސް ފްލެޓް
ވިނަރެސް ފްލެޓް
ވަން އޮންލައިން
ވިނަރެސް ހައުސިންގ މަޝްރޫއު
ވިނަރެސް ހައުސިންގ މަޝްރޫއު އިން އެޕާޓްމަންޓު ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފި
އާންމުކޮށްފައިވާ ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ މައި ހުޅުމާލެ ހައުސިންގ ޕޯޓަލް ހުށަހެޅޭނެ

ވިނަރެސް ހައުސިންގ މަޝްރޫއު އިން އެޕާޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.

އެޗްޑީސީން އާންމުކޮށްފައިވަނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ވަގުތީލިސްޓާއިމާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ވަގުތީލިސްޓެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ އާންމުކޮށްފައިވާ ވަގުތީ ލިސްޓްގައި ހިމެނޭ ޝަރުތުހަމަވާ ފަރާތްތަކުގެ މާލީ ޤާބިލުކަން ބެލުމާއި ގުޅޭގޮތުން އެ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށާއި މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެން ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެންމެ ފޯމަކާއެކު ކަމަށެވެ.

މިކަންތައްތަކާއި ގުޅިގެން އެ ކޯޕަރޭޝަނުން ގުޅަމުންދާނެކަން ފާހަގަކޮށް ބުނީ އެޗްޑީސީން ހަމައެކަނި ގުޅާނީ 3353535 އިން ކަމަށެވެ. އަދި އީމެއިލް ކުރާނަމަ ކުރާނީ [email protected] އިން ކަމަށެވެ. އެޗްޑީސީން އިތުރަށް ބުނީ ވިނަރެސް ހައުސިންގ މަޝްރޫއާ ގުޅޭގޮތުން އެއްވެސް މީހަކަށް އެސްއެމްއެސް މެދުވެރިކޮށް މުއާމަލާތް ނުކުރާނެ ކަމަށެވެ.

އެޗްޑީސީން އާންމުކޮށްފައިވާ ލިސްޓާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ މައި ހުޅުމާލެ ހައުސިންގ ޕޯޓަލް ހުށަހެޅޭނެ ކަމަށާއި ހައުސިންގ މިނިސްޓްރީން ޝަކުވާތަކަށް ޖަވާބުދޭނީ ވެސް ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން ތަރައްގީކުރަމުން އަންނަ ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި 1413 މީހަކު ވަނީ ފްލެޓަށް ކުރިމަތިލާފައެވެ. ވިނަރެސް މަޝްރޫއުގެ ދަށުން ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 10 ޓަވަރުގެ މަސައްކަތް ކުރިއަށްގެންދެއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވެއެވެ.

ވިނަރެސްގައި ދެ ވައްތަރެއްގެ އެޕާޓްމަންޓް ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރި އަދި 3 ފާހާނަ އަދި ބެލްކަނީ ހިމެނެއެވެ.

އެޗްޑީސީން ބުނީ މިހާރު ކުރިޔަށްދަނީ މިފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިނަރެސް ފްލެޓް އާންމުންނާ ހަވާލުކުރެވިގެންދާނެއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ހައުސިން މަޝްރޫއުތަކުުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު މަޝްރޫއެވެ. މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހިޔާ މަޝްރޫއެވެ.

- ކޮމެންޓް