ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި މެކްސިކޯ ބަލިކުރެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މިހާރު ފޯކަސް ހުރީ ޕޮލެންޑް މެޗަށް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ މެކްސިކޯއާ ދެކޮޅަށް ނިކުތްއިރު އާޖެންޓީނާ އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ސައުދީ އަރަބިއްޔާ އަތުން ބަލިވުމުންނެވެ. އެ މެޗުން 2-0 އިން އާޖެންޓީނާ ކާމިޔާބުކުރިއިރު، މެސީ ވަނީ ލަނޑެއް ޖަހާ، އަނެއް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މެސީ ބުނީ މެކްސިކޯ މެޗު ވީ މޮޅުވާން މަޖުބުރު މެޗަކަށް ކަމަށެވެ. އޭނާ ބުނީ ސައުދީ މެޗުގެ ނަތީޖާގެ ސަބަބުން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. ސަބަބަކީ ވޯލްޑް ކަޕްގެ ފެށުން ވެސް ބައްޔަކުން ދިޔުމަކީ އެއްވެސް ވަރަކަށް އުއްމީދު ކުރި ކަމަކަށް ނުވާތީ ކަމަށެވެ. އޭނާ ބުނީ އޭގެ ފަހުން ބޭނުންވީ އެ ހާލަތު ބަދަލު ކުރާން ކަމަށެވެ. އޭނާ ބުނީ މެޗުން މޮޅު ނުވެވިއްޖެ ނަމަ ހާލަތު ވަރަށް ގޯސްވާނެކަން އެނގޭ ކަމަށާއި، މޮޅުވުމުން އަމިއްލަ އަތް މައްޗަށް ކަންކަން އަންނާނެކަން ވެސް އެނގޭ ކަމަށެވެ.
މީގެ އިތުރުން މެސީ ބުނީ މެޗުން މޮޅުވުމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށާއި، ސިކުނޑި ހަމަޖައްސާލައި، ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ.
ނަސީބު ރަނގަޅުކަމުން އަހަރަމެން މިއަދު މޮޅުވީ. އެއީ އަހަރަމެންގެ ކޮނޑުމައްޗަށް ލިބުނު ވަރަށް ބޮޑު ލުޔެއް، އަސްލު އުފާވެރިކަމެއް ލިބޭ. ސަބަބަކީ އޭގެ ސަބަބުން ސިކުނޑި ހަމަޖެހި، ކަންކަން އަމިއްލަ އަތް މަތީގައި މިހާރު އޮތުންް.މެސީ / އާޖެންޓީނާގެ ކެޕްޓަން
މީގެ އިތުރުން މެސީ ބުނީ ދެން ހުރިހާ ފޯކަސްއެއް ހުންނާނީ ކުރިއަށް އޮތް ޕޮލެންޑް މެޗަށް ކަމަށެވެ. އޭނާ ބުނީ އެ މެޗު ވެސް ނިންމާލަން ބޭނުންވަނީ ތަފާތު ގޮތަކަށް، ހިތްހަމަ ޖެހިގެން ކަމަށެވެ. މެސީ ވަނީ މެކްސިކޯ މެޗުގައި އާޖެންޓީނާގެ ފަހު ލަނޑު ޖެހި އެންޒޯ ފެނާންޑޭޒްގެ ވާހަކަ ދައްކާފައެވެ. މެސީ ބުނީ އެންޒޯ މެޗުގައި ލަނޑު ޖެހުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ. މެސީ ފާހަގަ ކުރި ގޮތުގައި އެންޒޯ އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެކެވެ. އަދި އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް އެކަން ދައްކާފައި ކަމަށް މެސީ ބުންޏެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާޖެންޓީނާ ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.